ކަޝްމީރުގައި ސިފައިންގެ ބޭސްއަކަށް ހަމަލާދޭން އުޅުނުކަމަށް ތުހުމަތު ކުރެވުނު ދެ ޑްރޯން ފައްސާލައިފި

އިންޑިއާއިން ކޮންޓްރޯލްކުރާ ޖައްމު އެންޑް ކަޝްމީރުގައި ހުންނަ އިންޑިއާ ސިފައިންގެ ބޭސްއަކަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ ޑްރޯން އިންޑިއާ ސިފައިން ހަމަލާދީ ފައްސާލައިފިއެވެ.

އިންޑިއާ ސިފައިންގެ ބޭސްއެއް މަތިން އުދުހުނު ދެ ޑްރޯން ފައްސާލައިފައި މިވަނީ، ގޮވާތަކެތި ހަރުކޮށްފައިވާ ދެޑްރޯން ބޭނުން ކޮށްގެން އިންޑިއާ އަސްކަރިއްޔާގެ އެއާޕޯޓަކަށް ހަމަލާ ދިންތާ އެއްދުވަސް ފަހުންނެވެ. މި ހަމަލާގެ ސަބަބުން މާބޮޑު ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ. މިއީ މިފަދަ ހަމަލާއެއް ޖައްމު އެންޑް ކަޝްމީރު ސަރަހައްދުގައި ދިން ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އަސްކަރިއްޔާއިން މިއަދުގެ ހާދިސާއާއި ގުޅިގެން ބުނީ، ޖައްމު ސިޓީގެ ބޭރުގައި ގާއިމް ކޮށްފައިވާ ސިފައިންގެ ކަލުޗަކު އަސްކަރީ ބޭހުގެ މަތިން ދެ ޑްރޯން ވަކިވަކިން އުދުހޭތަން ސިފައިންނަށް ފެނި އެ ދެ ޑްރޯންއަށް ބަޑިން ހަމަލާދޭން ފެށުމުން އެސަރަހައްދު ދޫކޮށް ފިލައިފައިވާ ކަމަށެވެ. މިހާދިސާ ހިނގައިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތުގައެވެ. މިހާދިސާއާއި ގުޅިގެން އަސްކަރީބޭސްވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ޖައްމު އެންޑް ކަޝްމީރަކީ އަބަދުވެސް ހަމަނުޖެހުންތައް ހިނގަމުންދާ އިންޑިއާ ސަރުކާރާއި ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އިންޑިއާއާއި ދެކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާއިރު ދޭތެރެދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދެއެވެ. ނަމަވެސް މިވީހާތަނަށް ޑްރޯން ބޭނުން ކޮށްގެން ހަނގުރާމަވެރިން ހަމަލާއެއް ދީފައެއް ނުވެއެވެ.

ޖައްމު އެންޑް ކަޝްމީރުގައި އާދިއްތަ އަދި ހޯމަ ދުވަހު މި ހިނގި ދެހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ