ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި

ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެސިޓީ މޮނިޓަރިންނަށް ލައިފައި އޮތް އޮތުން މިއަދު އުވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިން އަށް ލައިފައިވަނީ، މިމަހުގެ ނުވަވަނަ ދުވަހުއެވެ. 19 ދުވަހަށްފަހު އެ ސިޓީ މޮނިޓަރިން އިން ނަގައިފައިވާއިރު އެ ސިޓީ މޮނިޓަރިންނަށްލީ ކޭސްއާ ގުޅިގެން އިތުރު ދެމީހަކު ޕޮޒިޓިވުވެފައިވެއެވެ. މީގެއިތުރުން މިމުއްދަތުގެތެރޭގައި އެސިޓީގައި މާލެ ދަތުރުކުރާ ބަހާދަރު ބޯޓާއި ބާދުޝާހް ބޯޓްގެ ފަޅުވެރިޔެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު އެ ސިޓީގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ފަސް މީހެކެވެ. ކުޅުދުއްފުށި ސިޓީވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް މޮނިޓަރިން އަށް ލައިފައެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނެގިކަން ހާމަކޮށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، މޮނިޓަރިންއިން ނެގިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ދައްނަވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮތްމުއްދަތުގައި އެ ސިޓީގައިވަނީ ކާފިއުވެސް ހިނގައިފައެވެ. މިގޮތުން ކޮންމެ ރެއަކު 21:00 އިން ފަތިހު 4:00 އަށް ބޭރަށް ނިކުމެއުޅުންވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ