ވެރިރަށް މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަނގަޅު ކޮމްޕްރެހެންސިވް ސީސީޓީވީ ނިޒާމަކުން މާލެ ގުޅާލަ ދިނުމުގެ މަސައްކަތް އެކައުންސިލުން ފަށާފައިވާކަމަށާއި، އެގޮތުން ސީސީޓީ ކަވަރޭޖް އެންމެ ފުރަތަމަ ޤާއިމުކުރާނެ ތަނަކީ މިސްކިތްތައް ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މިސްކިތްތަކުގައި ނޭދެވޭ ޢަމަލުތައް ހިންގަމުންދާކަމަށާއި، އެހެންކަމުން މިސްކިތްތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ސީސީޓީވީން މިސްކިތްތައް ކަވަރުކުރުން މުހިންމުކަމަށެވެ.
"މިސްކިތްތައް ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހެދުމުގެ ގޮތުން އަޅުގަނޑުމެއް ސީސީޓީވީ ޕްރޮޖެކްޓްގެ އެންމެ ފުރަތަމަ އަމާޒަކީ މިސްކިތްތައް ކަވަރުކުރުން." މުއިއްޒު ވިދާޅުވިއެވެ.
އަދި މިމަސައްކަތުގައި ދާނެ ޚަރަދާއި، މިމަސައްކަތުގެ ޓެކްނިކަލް ސާރވޭގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މުޅި މާލޭ ވައިފައި ކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ފަށާފައިވާކަމަށާއި، އެމަސައްކަތާއި ގުޅިގެން ދިރާގު އަދި އުރީދޫއާއިއެކު ބިނާކުރަނިވި ބައްދަލުވުންތަކެއް މިހާރު ބޭއްވިފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.




