ފޮޓޯ: ދިޔަރެސް

ޑރ. އިޔާޒް ވަޒީފާއިން ވަކިކުރުން އިންސާފުވެރިއެއްނޫން: ހޯމް މިނިސްޓަރ

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމްގައި ހުންނެވި ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު ވަޒީފައިން ވަކިކުރިކުރުން އިންސާފުވެރި ނޫންކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު، އެމްއެންޔޫގައި އަދާކުރަމުން ގެންދެދި އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުން ވަކިކޮށްފައި ވަނީ މިއަދުއެވެ.

އެބެފުޅާ މަޤާމުން ވަކިކޮށްފައި ވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށާއި، އަދި ޑރ. އިޔާޒް ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުމަކީ ވެސް ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ވަނީ "ސަން" އަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވީ ޑރ. އިޔާޒްއަކީ ރާއްޖެގައި އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ޚިދުމަތް ކުރައްވާ ބޭފުޅެއްކަމަށެވެ.

"އިޔާޒްގެ ބައެއްގެ ފިޤްހީ ރަޢުޔާ އަޅުގަނޑަށް އެއްބަސް ނުވެވުނަސް އެމަނިކުފާނާ މެދު އެމްއެންޔޫ އިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ނުދެކެން" ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވާއިރު، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މިއަހަރުގެ މާޗް މަހުވެސް އެ ޔުނިވާސިޓީން ވަނީ ޑރ. އިޔާން 14 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން ދީނީ ޚިލާފުތަކާމެދު ޢިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު ޢިލްމީ ގޮތުން ރީތި އަޚްލާޤާއެކީ ބަހުސްކޮށް ޙައްލުހޯއްދެވެންވާނެކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީއިން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ވަނީ އެމްއެންޔޫގެ ނިންމުން މުރާޖާ ކުރުމަށްވެސް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ