ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު 400،000 ވުރެ އިތުރުވެއްޖެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު މިއަށްވުރެންވެސް އިތުރުވާނެއެވެ. ސަބަބެއްކަމަށް އެބޭފުޅުން ވިދާޅުވަނީ މިބަލި ޖެހިގެން ނިޔާވާ އެތައް ބަޔަކު ރަސްމީކޮށް ނޯޓުކުރެވިފައި ނުވާތީ ކަމަށެވެ.
އިންޑިއާ ހިމެނިގެންދަނީ މިބަލީގައި 400،000 ވުރެ ގިނަ މީހުން މަރުވި ތިންވަނަ ގައުމުގެ ގޮތުގައެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާ އަދި ބުރެޒިލުން މަރުވި މީހުންގެ އަދަދު އިންޑިއާއަށްވުރެ އިތުރެވެ. މިހެންނަމަވެސް، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު އެމެރިކާއަށްފަހު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 30 މިލިއަނަށްވުރެ އިތުރެވެ.
ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް މިހާރު އެވްރެޖް ގޮތެއްގައި އިންޑިއާއިން ފައްސިވާ މީހުންގެ އަދަދު އުޅެނީ 40،000 ގައެވެ. މެއިމަހުގެ ތެރޭ މިއަދަދު އުޅެނީ 400،000 ގައެވެ. ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ކުރިއަށްވުރެ ކުޑަކުރެވިފައި މިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ތަޖުރިބާކާރުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ވެކްސިން ދިނުން އިންޑިއާގައި މިއަހަރުގެ ޖެނުއަރީމަހު ފަށައިފައިވާއިރު މިހާތަނަށް އާބާދީގެ ނިސްބަތުން ވެކްސިން ދެވިފައިވަނީ ފަސް އިންސައްތައިގެ މީހުންނަށެވެ. އިންޑިއާއިން މަސައްކަތް ކުރަމުންދަނީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ވެކްސިން ދުނުމަށެވެ.
އިންޑިއާގައި ކޮވިޑް ވެކްސިންގެ ގޮތުގައި ބޭނުންކުރަމުންދަނީ ކޮވިޝީލްޑް، ކޮވަޒިން، އަދި ރަޝިއާގެ ވެކްސިނެވެ.