ކޮވިޑް ފެތުރުން ކޮންޓުރޯލް ކުރުމަށް ޕޯޗުގަލްގައި އަނެއްކާވެސް ކާފިއު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޕޯޗުގަލްގައި ރޭގަނޑުގެ ވަގުތު އަނެއްކާވެސް ކާފިއު އިއުލާން ކޮށްފިއެވެ.

ލިސްބަން ހިމެނޭގޮތުން 45 މުނިސިޕަލިޓީއެއްގައި ރޭގަނޑުގެ ވަގުތު ބޭރަށް ނިކުމެ އުޅުން މިއަދު މަނާކޮށްފައިވައިނީ 23:00 އިން ފަތިހު 5:00 އަށެވެ.

މީގެއިތުރުން ހަފްތާ ބަންދުގައި ކެފޭ އަދި ރެސްޓޯރެންޓުތައް ހަވީރު 3:30 ގައި ބަންދުކުރުމަށް ނިންމައިފައިވާއިރު އެނޫން ދުވަސްދުވަހު ރޭގަނޑު 22:30 ގައި ބަންދުކުރުމަށްވެސް ޕޯޗުގަލް ސަރުކާރުންވަނީ ނިންމައިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޕޯޗުގަލްއިން އިތުރު ފިޔަވަޅުތައް އަޅައިފައި މިވަނީ، އެގައުމުގައި ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓް ފެތުރެން ފެށުމާއި ގުޅިގެންނެވެ. މިވޭރިއެންޓަކީ އެހެނިހެން ކޮވިޑް ވޭރިއެންޓްތަކާއި ހިލާފަށް ވަރަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެކެވެ.

ޕޯޗުގަލްގެ ސިއްހީ އިދާރާތަކުން މައުލޫމާތުދޭގޮތުގައި، އެގައުމުން މިހާތަނަށް ކޮވިޑް-19 އަށް 882,002 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 17,101 މީހުންވަނީ މަރުވެފައެވެ. ޕޯޗުގަލްގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ 50 އިންސައްތައަށްވުރެ ގިނަ މީހުންނަށް ދީފައެވެ. ދެވަނަ ޑޯޒް ދިންމީހުންގެ އަދަދަކީ 32 އިންސައްތައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ