ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓެއް އެގައުމުގެ ދެކުނުގެ ސަރަހައްދަކަށް ވެއްޓި 29 މީހުން މަރުވެއްޖެއެވެ.
މި މަތިންދާ ބޯޓު ވެއްޓުނުއިރު އޭގެން 90 މީހަކު ދަތުރުކުރަމުން ދިއަކަމަށް މައުލޫމާތު ލިބެއެވެ. މީގެތެރޭގައި ގިނައީ ފިލިޕީންސް އަސްކަރިއްޔާގެ ސިފައިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފިލިޕީންސް އަސްކަރިއްޔާއިން ބުނީ މިހާދިސާގެ ސަބަބުން 50 މީހުންނަށް އަނިޔާވެ 17 މީހުން ވީނުވީތަނެއް ނޭންގި ގެއްލިފައިވާ ކަމަށެވެ. އަނިޔާވި ފަރާތްތަކަށް ހާދިސާ ހިނގިތާ ކައިރީހުރި އަސްކަރީ ހޮސްޕިޓަލަކުން އައްނަނީ ފަރުވާދެމުންނެވެ. ބޯޓު ވެއްޓެން ދިމާވި ސަބަބު މިހާރު ތަހުގީގު ކުރަމުންދާއިރު ބޯޓު ވެއްޓުނީ ހަމަލާއެއް އަމާޒުވެގެން ކަމަށް ނުބެލެވޭ ކަމަށް އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.

ވެއްޓުނު އަސްކަރީ މަތިންދާ ބޯޓަކީ ލޮކްހީޑް ސީ130 ހާރކިއުލީސް މަރުކާގެ ބޯޓެކެވެ. މިބޯޓު އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ އެމެރިކާގެ ވައިގެ ސިފައިންނެވެ. ފިލިޕީންސަށް މި ބޯޓު އެމެރިކާއިން ހަދިޔާކޮށްފައިވަނީ އަސްކަރީ ކޯޕަރޭޝަން ސްކީމެއްގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުއެވެ. އޭވިއޭޝަން ސޭފްޓީ ނެޓްވޯރކް އިން މައުލޫމާތު ދޭގޮތުގައި މި ބޯޓު 1988 ވަނަ އަހަރުންސުރެ އައްނަނީ ބޭނުން ކުރަމުންނެވެ.
މިހާދިސާގައި ގެއްލުނު ލިބުނު ފަރާތްތަކުގެ މައުލޫމާތު ހާމަކުރަމުން ދިފާއީ ވުޒާރާއިންބުނީ މަރުވި މީހުންގެ ތެރެއިން ދެމީހުންނަކީ އާމުންގެ މީހުން ކަމަށާއި މިމީހުންނަކީ ބޯޓުގައި ދަތުރުކުރި މީހުން ނޫންކަމަށެވެ. ބޯޓުގައި ދަތުރުކުރި ސިފައިންނަކީ ދާދިފަހުން އަސްކަރީ ތަމްރީން ފުރިހަމަކުރި ފަރާތްތަކެކެވެ.



