ގަވާއިދާއި ހިލާފަށް ހާ ބޭނުންކޮށްގެން ތަޅަމުންދިޔަ ތަނެއް ހުއްޓުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފިލިޕީންސް ގެ ފުލުހެއް މަރުވެއްޖެއެވެ. ފުލުސްމީހާ މަރުވެފައިވަނީ ތަޅަމުންދިޔަ ހާލުގެ ފައިގައި އައްސާފައި ހުރި ވަޅިން، ފުލުސްމީހާގެ ފައިގައި އެޅި ލޭ މަނާ ނުވެގެންނެވެ.
އުތުރު ސަމާރް ޕްރޮވިންސްގެ ގަވަރުނަރު އެޑްވިން އޮންޗުއަން ބުނެފައިވަނީ، ސަން ޖޯސް ޕޮލިސް ފޯސްގެ ޗީފް ލިއުޓިނެންޓް ކްރިސްޓިއަން ބޮލޮކް މަރުވެފައިވަނީ ހޯމަ ދުވަހު މަޑުގަންގް ވިލެޖްގައި ހިނގި މި ހާދިސާގައި އޭނާގެ ފައިގެ ފެމޮރަލް އާޓަރީގައި ހާލުގެ ފައިގައި ހުރި ވަޅިން އެޅި ލޭ މަނާ ނުވެގެން ކަމަށެވެ.
"އޭނާ މަސައްކަތް ކޮށްފައިވަނީ ހާ ހިފުމަށް. ނަމަވެސް މައްސަލައަކީ ހާލުގެ ފައިގައި ހުރި ވަޅިގައި ވިހަ ލާފައި ހުރުން ކަމަށް ވެދާނެ." އޮންޗުއަން ބުނެފައިވެއެވެ.
ބޮލޮކް ގެ ފައިގައި ވަޅިން އެޅުން ތަނުގައި ފޮތިގަނޑެއް އައްސައި ލޭ މަނާ ކުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ނުބައި ތަނެއްގައި ފޮތިގަނޑު އެއްސުނީ ކަމަށް ވެދާނެކަމަށް ވެސް އޮންޗުއަން ބުނެފައިވެއެވެ..
މި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާއިރު އިތުރު 3 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި ފުލުހުން ވަނީ 7 ހާލާއި 2 ވަޅިއާއި 10 ޑޮލަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިފަދަ ކަންކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމަށް މަގުފަހި ވަމުންދާތީވެ ފުލުހުން ދަނީ މިފަދަ ކަންކަން ހުއްޓުވަމުންނެވެ.
"ޓޫޕަޑާ" ގެ ނަމުން ނަން ދެވިފައިވާ ހާ ބޭނުންކޮށްގެން ތެޅުމަކީ ޕިލިޕީންސްގެ އެކި ސަރަހައްދުތަކުގައި އާންމު ކަމެކެވެ. ބައެއް ތަންތަނަކީ ލައިސެންސް ގެ ދަށުން ހިންގާ ތަންތަން ކަމުގައި ވިޔަސް މިފަދަ ވަރަށް ގިނަ ތަންތަނަކީ ގަވާއިދާއި ހިލާފަށް ކުރިއަށް ގެންދާ ތަންތަނެވެ. ނަމަވެސް މިފަދަ ހުރިހާ ތަނެއް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފިލިޕީންސްގައި ވަނީ ބަންދު ކުރެވިފައެވެ.
ފިލިޕީންސް ގައި މިހާތަނަށް 375،000 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު މިއީ ސައުތް އީސްޓް އޭޝިއާގައި ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އަދި 7،114 މީހުނަށް ވުރެ ގިނަ މީހުން ފިލިޕީންސް ގައި މި ބަލީގައި މަރުވެފައި ވެއެވެ.




