ފިލިޕީންސް އަށް އެރި ތޫފާނުގެ ސަބަބުން ރަށްތައް ސުންނާފަތިވެ، 21 މަރެއް!

ފިލިޕީންސްއަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާން، "ތޫފާން ރާއި" ގެ ސަބަބުން ފިލިޕީންސްގެ އެކި ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް، ގިނަ ބަޔަކު ހާލުގައި ޖެހި، 21 މީހަކު މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯޓުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސް އަށް އެރި މި ތޫފާންގެ އަސަރު އެންމެ ފުރަތަމަ ކޮށްފައިވަނީ ފިލިޕީންސްގެ ސިއާރްގާއޯ ރަށަށެވެ. އެދުވަހު ގަޑިއަކު 195 ކިލޯމީޓަރުގެ ގަދަވަޔާއެކު އެ ސަރަހައްދަށް ބޯކޮށް ވިއްސާރަ ވެހިފައިވެއެވެ.

މި ތުފާންގެ ސަބަބުން ފިލިޕީންސްގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ގެތަށް ބިމާއި ހަމަވެ، އެތައް ސަތޭކަ މީހުންނެއް ވަނީ އެސަރަހައްދުތައް ދޫކޮށް ރައްކާތެރިކަ ސަރަހައްދުތަކަށް ދާން މަޖުބޫރުވެފައެވެ. ޔުނައިޓެޑް ނޭޝަން(ޔޫއެން) އިން ބުނެފައިވާ ގޮތުގައި، މި ތޫފާންގެ ސަބަބުން ފިލިޕީންސްގެ 13 މިލިއަނެއްހާ މީހުންނަށް ތޫފާންގެ އަސަރު ފޯރާނެއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާގޮތުން، މިހާތަނަށް މި ތޫފާންގެ ސަބަބުން 21 މީހަކު މަރުވެފައިވާކަން ވަނީ ޔަޤީންކުރެވިފައެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

ތޫފާންގެ ސަބަބުން ސިއަރްގާއޯ ރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ރަށުގެ ގިނަ ގަސްރުށްތައް ބިމުން ލުހިފައިވާއިރު، ރަށުން ކަރަންޓު ކެނޑި ، މުއާސަލާތީ ހިދުމަތްތައް އަދިވެސް ވަނީ މެދުކެނޑިފައެވެ. ޢާޑީ ތޫފާނާ ގުޅިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާއި އަދި ފެންގަނޑު ބޮޑުވެ ގެތަކަށް އަސަރުކުރުމާއެކު އެ ރަށުގެ އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ އެހެން ތަންތަނަށް ދިއުމަށް މަޖުބޫރުވެފަ އެވެ.

އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި ތޫފާނާއި ހެދި، މައި އެއާޕޯޓަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މި ތޫފާންގެ އަސަރު ފިލިޕީންސްގެ ވިސާޔާސް ސަރަހައްދުން ޕަލަވަން އާ ހަމައަށް ތޫފާން ހުކުރު ދުވަހު ދަތުރު ކުރި އިރު ބާރު ވަނީ ދަށްވެފަ އެވެ.

ފިލިޕީންސް އަކީ ކޮންމެ އަހަރަކުވެސް ބާރުގަދަ ތޫފާންތައް ކުރިމަތިވާ ގައުމެކެވެ. އެގޮތުން ފިލިޕީންސް އަށް އާއްމުކޮށް ކޮންމެ އަހަރަކު ވިހި ވަރަކަށް ތޫފާންގެ އަސަރު ކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ