ކަނޑުއަޑިން އަޅައިފައިވާ ގޭސް ހޮޅިއެއް ފަޅައިގެންގޮސް އެސަރަހައްދުގައި އަލިފާން ރޯވެއްޖެ

މެކްސިކޯގެ ކަނޑުގެ ސަރަހައްދުގެ އަޑިން އަޅައިފައިވާ ގޭސް ހޮޅިއެއް ފަޅައިގެންގޮސް އެސަރަހައްދުގެ މޫދުގައި އަލިފާން ރޯވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ، ގަލްފް އޮފް މެކްސިކޯގެ ދެކުނުންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ކަނޑު އަޑިން އަޅައިފައިވާ މި ގޭސްހޮޅި ފަޅައިގެންގޮސް ގޭސް ލީކުވުމުންނެވެ. ގޭސް ލީކުވުމުގެ ސަބަބުން މުޅި އެސަރަހައްދުގެ މޫދުގެ މަތީފަށަލައިގަޔާ އެއްކޮށްވަނީ އަލިފާން ހިފައިފައެވެ.

ގޭސް ހޯޅި ފަޅައިގެން ގޮސް އަލިފާން ހިފުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ފަސްގަޑިއިރުގެ މަސައްކަތައްފަހު ރޯވި އަލިފާންގަނޑުވަނީ ނިއްވައިލައިފައެވެ. މިހާދިސާ ހިނގިތާ 150 މީޓަރު ދުރުގައި ތެޔޮނެގުމަށް ހާއްސަ ޑުރިލިން ޕުލެޓްފޯމެއްވެސް ހުއްޓެވެ.

މައުލޫމާތު ލިބޭގޮތުގައި ލީކުވި ގޭސް ހޮޅިއަކީ މެކްސިކޯ ސަރުކާރު ހިއްސާވާ ޕެޓްރޯލިއަމް ކުންފުނި ޕެމެކްސްގެ ގޭސް ހޮޅިއެކެވެ. ގޭސް ލީކުވާން ފަށައިފައިވަނީ މެކްސިކޯ ގަޑިން ހުކުރުދުވަހު ފަތިހު 5:15 ހާއިރުކަމަށް ބޭރުގެ ބަޔެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ގޭސްހޮޅިއަކީ 12 އިންޗީގެ ފަލަ ހޮޅިއެކެވެ. ޕެމެކްސް އިން ބުނި ގޮތުގައި ކަނޑުގެ ލޮނުގަނޑު މަތީގައި ރޯވި އަލިފާންގަނޑު ނިއްވައިލީ، ކަނޑު އަޑީގައި އޮތް ގޭސް ހޮޅި އަށް ގޭސް ފޮނުވައިދޭ ކޮޅުގެ ވޭލު ބަންދުކޮށްލައިގެންނެވެ.

މިލިޔުން ކިޔާލުމުން
3113
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ