ކޮވިޑް-19 ޖެހިގެން އޮސްޓްރޭލިއާއިން ފުރަތަމަ ފަހަރަށް މިއަހަރުތެރޭ މީހަކު މަރުވެއްޖެއެވެ.
ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ އުމުރުން 90 އަހަރުގެ އަންހެނެއް ކަމަށާއި މިމީހާ މަރުވެފައިވަނީ ސިޑްނީގައި ކަމަށެވެ. އިތުރު މައުލޫމާތުދެމުން ކަމާބެހޭ އިދާރާތަކުން ބުނީ މިމީހާއަށް ކޮވިޑް ޖެހިފައިވަނީ އާއިލާ ތެރެއިން ކަމަށެވެ.
އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީކަމަށްވާ ސިޑްނީގައި ފެތުރެމުންދާ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓްގެ ސަބަބުން އެސިޓީވަނީ ފުރަބަންދުވެސް ކޮށްފައެވެ. މިއީ އެ ސިޓީއިން ކޮވިޑް-19 ޖެހިގެން މަރުވި 57 ވަނަ މީހާއެވެ. އަދި ފާއިތުވެދިޔަ 10 މަސްދުވަހުގެތެރޭ މިބަލީގައި މަރުވި ފުރަތަމަ މީހާއެވެ.
ސިޑްނީ ނިސްބަތްވާ ނިއު ސައުތުވޭލްސް ސްޓޭޓުގައި މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 77 އެވެ. 52 މީހުންނަށް މިބަލީގައި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު 15 މީހެއްގެ ހާލު ސީރިއަސްކަމަށް އެ ސްޓޭޓުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ. ނިއު ސައުތުވޭލްސްގެ ޕްރިމިއަރވަނީ ކޮވިޑް-19ގެ ކޭސްތައް އެ ސިޓީގައި އިތުރުވެދާނެކަމުގެ އިންޒާރު ދީފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޕްރިމިއަރ ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސްޓޭޓުގައި ކޮވިޑް-19ގެ ކޭސްތައް 100 އަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ.
ކޮވިޑް-19 އަށް މުޅި އޮސްޓްރޭލިއާއިން މިހާތަނަށް ޕޮޒިޓިވުވި މީހުންގެ އަދަދު 31،000 ވުރެ އިތުރެވެ. މިބަލީގައި އޮސްޓްރޭލިއާއިން މަރުވި މީހުންގެ އަދަދަކީ 911 އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އޮސްޓްރޭލިއާއިން ވެކްސިން ދެވުނު މީހުންގެ އަދަދު 10 އިންސައްތައަށް ނާރައެވެ.