ސެލްފީ ނަގަން އުޅުނު ބަޔަކު ހޮނު އެޅުމުގެ ސަބަބުން އިންޑިއާއިން މަރުވެއްޖެ

ހޮނުއެޅުމުގެ ސަބަބުން އުތުރު އިންޑިއާގެ ސިޓީއެއް ކަމަށްވާ ޖައިޕޫރުން 16 މީހުން މަރުވެ އިތުރު ބަޔަކު ޒަހަމްވެއްޖެއެވެ.

މިހާދިސާގައި މަރުވެފައިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ 12 ވަނަ ގަރުނުގެ ސެންޗަރީ އާމަރ ފޯޓްގެ ވޮޗް ޓަވަރ އެއްގެ މައްޗަށް އަރައި ވާރޭގެތެރޭ ސެލްފީ ނަގަން އުޅުނު ބަޔެކެވެ.

މީގެއިތުރަށް އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހޮނު އެޅުމުގެ ސަބަބުން އުއްތަރަ ޕުރަދޭޝްއާ މަދްޔަ ޕުރަދޭޝް އިންވެސްވަނީ ބަޔަކު މަރުވެފައެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރެއްގެތެރޭ އިންޑިއާއިން 2،000 މީހުން ހޮނުއެޅުމުގެ ސަބަބުން މަރުވެއެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހާދިސާގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޒުވާނުން ކަމަށާއި ހޮނު އެޅިވަގުތު އެ ޓަވަރާ އެސަރަހައްދުގައި 27 މީހުން ތިބިކަމަށެވެ.

އުއްތަރަ ޕުރަދޭސް އަދި ރާޖަސްތާނުގެ ޗީފް މިނިސްޓަރާ އިންޑިއާގެ ބޮޑުވަޒީރުވަނީ ހޮނުއެޅުމުގެ ސަބަބުން ނިޔާވި މީހުންގެ އާއިލާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާން ކޮށްފައެވެ.

އިންޑިއާގެ ވިއްސާރަ މޫސުން ޖޫންމަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދިގުދެމިގެންދެއެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ