ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެލުގެ އަގު ބޮޑުތަނުން ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ވިދާޅުވީ، ތެލުގެ އަގަށް ބަދަލުގެނެސްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއި ގުޅިގެން ކަމަށެވެ.
އަދި އެ ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 16 ޖުލައި 2021 ން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ވިދާޅުވިއެވެ.
މި ބަދަލާއެކު ޑީސަލް ލިޓަރެއްގެ އަގަކީ 10.95 (ދިހަ ރުފިޔާ ނުވަދިހަ ފަސްލާރި) އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އެވެ.
އާންމު ގޮތެއްގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.