ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ރައްޔިތުންނަށް އެންމެ ގިނަ ފައިދާ ބޮޑު ގޮތް ކަމަށާއި، އިންތިހާބެއް ބާއްވައިފިނަމަ އަދިވެސް ވޯޓު ދިނުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ. ނަޝީދަށް މި ޖަލްސާގައި ބައިވެރިވެވަޑާއި ނުގަނެވުނީ މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވުމާއި ގުޅިގެންނެވެ.
ނަޝީދު ފޮނުވި މި މެސެޖުގައި ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސިޔާސަތަކީ ރާއްޖޭގެ ރަށްތައް އުވާލާ، މުޅި ހުރިހާ އެންމެން ހުޅުމާލެއަށް ޖަމާކުރުން ކަމަށެވެ. އަދި ރަށްތަކުގެ ތެރައްޤީއަށް އެ ބޭފުޅުންގެ އެއްވެސް ސިޔާސަތެއް ނެތްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މާލެ ސަރަހައްދަށް އެންމެން ޖަމާކުރުމަށް ވިސްނާ ބަޔަކ،ު ރަށްރަށް ތަރައްޤީކުރުމަށް ހަމަ ކަށަވަރުންވެސް ނުވިސްނާނެ" ނަޝީދު ފާހަގަކުރި އެވެ. ނަމަވެސް އެމްޑީޕީ އަކީ ރައްޔިތުންނާ ގާތަށް ތަރައްގީ ގެންދިއުމަށްޓަކައި ޖަޒީރާ ދިރިއުޅުމަކަށް އަދި ލާމަރުކަޒީ ސިޔާސަތަކަށް ތާއީދު ކުރާ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރުގެ އަބަދުވެސް އަމާޒަކީ ސަރުކާރުން އާންމު ވިޔަފާރީގައި ބައިވެރިނުވެ، އާންމު ރައްޔިތުންނަށް ވިޔަފާރިކުރުމުގެ މަގުތައް ފަހިކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ޖީބަށް ރުފިޔާ ވަންނާނެ ގޮތައް ސިޔާސަތުތައް ބައްޓަން ކުރުން ކަމަށެވެ.
އެހެންކަމުން އަހަރުތަކެއް ވަންދެން ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެން ފައިދާ ބޮޑު ގޮތް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ އަތުގައި ގިނަ ގޮނޑިތަކެއް މިހާރުވެސް އޮތްއިރު އަދިވެސް ވޯޓުލާން އެންމެ އައުލާކަން ބޮޑި އެމްޑީޕީ އަށްކަން މި އިންތިހާބުގައި ދައްކުވައިދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީ ނޫނީ ވޯޓު ދިނުން އައުލާކަން ބޮޑު ޕާޓީއެއް އަދިވެސް ނެތް. އެކަން ކަށަވަރު ކޮށްދޭންވީ އަނެއްކާވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ.
ހިޔާލު
ތިބޭފުޅާ ބައިވެރިނުވާ ގޮތަށް އެމްޑީޕީ ވެރިކަން އޮންނަން ވަރަށް ބޭނުންވޭ.