ކޮމަންޑޫދާއިރާއަށް، މާލެ ތޮއްޖައްސަން ބޭނުންވާ މީހުން ހޮވުމުގެ ބޭނުމެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބުގައި އެމްޑީޕީއާ ވާދަވެރި ޕާޓީތަކުގެ މީހަކު ހޮވުމުގެ ބޭނުމެއް ނެތް ކަަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެމްޑީޕީގެ އިތުރުން އެމްއެންޕީ އާއި އިދިކޮޅު ޕީޕީއެމް، އަދި އެމްޓީޑީގެ ފަރާތުން ވެސް އެ ދާއިރާއަށް ކެނޑިޑޭޓުން ވަނީ ނެރުއްވާފައެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާއި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ތަސައްވަރަކީ އަތޮޅު ތެރޭގެ ރަށްތައް ތަރައްޤީކުރުމުގެ ބަދަލުގައި މާލެ ސަރަހައްދަށް މީހުން ޖަމާކުރުން ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގައި ހިމެނޭ، ކޮމަންޑޫ، ފޯކައިދޫ، އަދި މަރޮޝި ތަރައްޤީކުރުމަށް ވާދަވެރި ކެނޑިޑޭޓުން ހޮވުމުގެ ބޭނުމެއް ނެތް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"އެންމެންވެސް ވޯޓު ލާންޗީ ތިލަފަތަށް" ނަޝީދު ކުރި ޓްވީޓުގައި ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ރައްޔިތުންނަށް  އެންމެ ގިނަ ފައިދާ ބޮޑު ގޮތް ކަމަށާއި، އިންތިހާބެއް ބާއްވައިފިނަމަ އަދިވެސް ވޯޓު ދިނުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީއަށް ކަމަށް ނަޝީދު މީގެ ކުޑަދުވަސްކޮޅެއް ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ.

ނަޝީދު ފޮނުވި މި މެސެޖުގައި ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސިޔާސަތަކީ ރާއްޖޭގެ ރަށްތައް އުވާލާ، މުޅި ހުރިހާ އެންމެން ހުޅުމާލެއަށް ޖަމާކުރުން ކަމަށެވެ. އަދި ރަށްތަކުގެ ތެރައްޤީއަށް އެ ބޭފުޅުންގެ އެއްވެސް ސިޔާސަތެއް ނެތްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މާލެ ސަރަހައްދަށް އެންމެން ޖަމާކުރުމަށް ވިސްނާ ބަޔަކު، ރަށްރަށް ތަރައްޤީކުރުމަށް ހަމަ ކަށަވަރުންވެސް ނުވިސްނާނެ" ނަޝީދު ފާހަގަކުރި އެވެ. ނަމަވެސް އެމްޑީޕީ އަކީ ރައްޔިތުންނާ ގާތަށް ތަރައްގީ ގެންދިއުމަށްޓަކައި ޖަޒީރާ ދިރިއުޅުމަކަށް އަދި ލާމަރުކަޒީ ސިޔާސަތަކަށް ތާއީދު ކުރާ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނެރުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ޓިކެޓް ށ. ފޯކައިދޫގެ ކުރީގެ ކައުންސިލަރު މުހައްމަދު ރަޝާދެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަނީ ރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. މީގެ އިތުރުން މޯލްޑިވަސް ނޭޝަނަލް ޕާޓީގެ(އެމްއެންޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ