ފީފާ ވޮމެންސް ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނު ފަސޭހަކަމާއެކު ސައުތު އެފްރިކާ ބަލިކުރިއިރު، ސްޕެއިން އަދި ޗައިނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޖަރުމަނު ސައުތު އެފްރިކާގެ މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފު ތިން ލަނޑު އަދި ދެވަނަ ހާފު އެއް ލަނޑު ފެނިގެންދިޔަ މިމެޗުގައި ޖަރުމަނު ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ލެއުޕޯލްޒް، ޑެބްރިޓްޒް، ޕޮޕް އަދި މެގޫލްއެވެ.
މިގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ސްޕެއިން އަދި ޗައިނާ ބައްދަލުކުރިއިރު އެމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ. ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް މިމެޗުގައިވަނީ ފެނިގެން ގޮސްފައެވެ.

މިނަތީޖާއާއެކު ގަދަ 16 އަށް ޖަރުމަނު ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ލިބުނު 4 ޕޮއިންޓާއެކު ދެވަނަ ޓީމެއްގެ ގޮތުގައި ސްޕެއިންވެސް ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ދެވަނަ ބުރަށް ފަތުރު ކުރުމުގެ ފުރުޞަތު ޗައިނާއަށްވެސް އެބައޮތެވެ.
ޗައިނާވެސް ގްރޫޕް ސްޓޭޖްގައި ޖުމްލަ 4 ޕޮއިންޓްވަނީ ހޯދާފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާ ހުރިހާ ޓީމެއް ކަށަވަރު ވެގެންދާނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ނިމުމުންނެވެ.
ގްރޫޕް އޭ އިން ދެވަނަ ބުރު ކަށަވަރުވެފައިވަނީ ފްރާންސް އަދި ނޯވޭއަށެވެ. ފްރާންސްވެސް ކުޅުނު ހުރިހާ މެޗަކުންވަނީ މޮޅުވެފައެވެ.



