ވޮމެންސް ވޯލްޑްކަޕް - ސްވިޑަން ބަލިކޮށް ނެދަލެންޑް ފުރަތަމަ ފައިނަލަށް

ފީފާ ވޮމެންސް ވޯލްޑްކަޕް ސެމީގައި ރޭ ސްވިޑަންއާއި ބައްދަލުކުރި މެޗުން މޮޅުވެ ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ނެދަލެންޑް ދަތުރުކޮށްފިއެވެ.

1-0 ގެ ނަތީޖާއަކުން ނެދަލެންޑް މޮޅުވި މިފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ އިތުރުވަގުތުގެ ފުރަތަމަ ހާފުގައެވެ. 99 ވަނަ މިނަޓްގައި މިލަނޑު ނެދަލެންޑަށް ކާމިޔާބުކޮށްދިނީ ޖެކީ ގްރޯނެންއެވެ.

ޖެކީ ގްރޯނެން - ފޮޓޯ: ފޮކްސް ސްޕޯޓްސް

މީގެ އިތުރުން ނެދަލެންޑްގެ މީޑެމާ ފޮނުވާލި ހަމަލާއެއް ސްވިޑެންގެ ގޯލްމަތީ ދަނޑިއާވެސް އަމާޒުވެފައިވެއެވެ.

ނެދަލެންޑްގެ ގޯލް ކީޕަރު ސާރި ވެން ވީނެންޑާލްވަނީ ސްވިޑެންގެ ނުރައްކާތެރި ތިން ހަމަލާއެއް މެޗުގައި ދިފާޢުކޮށްފައެވެ.

މިއީ ވޮމެންސް ވޯލްޑް ކަޕް ސެމީ ފައިނަލެއްގައި އިތުރު ވަގުތުން ނަތީޖާ ނެރުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުން ބަލިވެ ސްވިޑެން ކެޓިއިރު، މިމުބާރާތުގެ ސެމީ ފައިނަލުން އެންމެ ގިނައިން ކަޓާފައިވާ ޓީމަކީވެސް ސްވިޑެންއެވެ. މިއީ މިމުބާރާތުގެ ސެމީ ފައިނަލުން ސްވިޑެން ކެޓި 3 ވަނަ ފަހަރެވެ.

މުބަރާތުގެ ފައިނަލްގައި ނެދަލެންޑް ކުޅެންޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއާއެވެ. ނެދަލެންޑް އަދި އެމެރިކާ ބައްދަލުކުރާ މިފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 08:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ