ފްރާންސްގައި ކުރިއަށްދިޔަ ފީފާ ވޮމެންސް ވޯލްޑް ކަޕުގެ ފައިނަލްގައި މިރޭ ނެދަލެންޑް ބަލިކޮށް އެމެރިކާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.
މިރޭ ކުޅެވުނު ފައިނަލް މެޗު އެމެރިކާ ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
އެމެރިކާއިން މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ 61 މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މޭގަން ރަފީނޯއެވެ.
މިއީ މިވޯލްޑް ކަޕްގައި އޭނާ ޖެހި ހަވަނަ ލަނޑެވެ. މީގެ އިތުރުން އިތުރު ތިން ލަނޑުޖެހުމަށް ރަފީނޯވަނީ އެހީތެރިވެފައެވެ. ރަފީނޯގެ އިތުރުން އެޓީމުގެ އެލެކްސް މޯގަންވެސް މިމުބާރާތުގައި ހަ ލަނޑުޖަހައި ތިން އެސިސްޓް ހަދާފައިވެއެވެ. އެހެންނަމަވެސް ރަންބޫޓް ރަފީނޯއަށް ލިބުނީ މޯގަންއަށްވުރެ މަދުން މުބާރާތުގައި ކުޅެފައިވާތީއެވެ. މުބާރާތުގެ ރިހި ބޫޓް ލިބުނީ މޭގަން ފޮކްސްއަށެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މޭގަން ރަފީނޯއެވެ.
އެމެރިކާގެ ދެވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ރޯސް ލަވޭލްއެވެ. 69 ވަނަ މިނަޓްގައި ފެނިގެންދިޔަ މިހިތްގައިމު ލަނޑު ލަވޭލްޖެހީ ނެދަލެންޑްގެ ދެޑިފެންޑަރު ދޭތެރެއިން ގޯލްގެ އަރިމަތީ ކަނަށެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ނެދަލެންޑްގެ ކީޕަރު ވެން ވީނެންޑާލްއެވެ. އަދި ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ފްރާންސެވެ. މީގެ އިތުރުން މުބާރާތުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ގޫލިއާ ގްވިންއެވެ.
މިހާތަނަށް އަންހެން ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން ދެފަހަރަށް ތަށި ހޯދާފައިވަނީ ޖަރުމަނާއި އެމެރިކާ އެކަންޏެވެ.



