ށ. ފޯކައިދޫން އިތުރު 30 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ޕޮޒިޓިވް ވެފައިވާ އިތުރު 30 މީހުންނަކީ މި މަހުގެ 12 ވަނަ ދުވަހު ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން ނަގާފައިވާ ސާމްޕަލްތަކެވެ. އެގޮތުން ނަގާފައިވާ 45 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ.
އެންމެ ފުރަތަމަ ފޯކައިދޫން ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމް (އީއާރް)އަށް ގެނައި ބަލި މީހެކެވެ. އެއަށްފަހު އެ މީހާގެ ފިރިމީހާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ފޯކައިދޫން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 32 އަކަަށް އަރައިފައެވެ.
މި ކޭސްއާއި ގުޅިގެން ފޯކައިދޫގެ 38 ގެޔެއް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި މިއަދު ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ރަށުގެ ދެ ބައިކުޅަ އެއްބައި ގެތަކަށް ކަރަންޓީނުކުރަން ޖެހޭނެކަމަށް ލަފާކުރެވޭކަމަށް ފޯކައިދޫ ހެލްތް ސެންޓަރުން ވިދާޅުވިއެވެ.




