ފޯކައިދޫގެ ތަރައްޤީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވައި، އަންނަ އަހަރު އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފޯކައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެރަށުގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކުރައްވަން ހުރިކަމާއި، އެ މަސައްކަތްތައް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. މިގޮތުން މިހާރު ވަނީ ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައެވެ.
ކުޅިވަރުގެ ދާއިރާއިން މިއަހަރު އިތުރު މަޝްރޫޢުތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މިގޮތުން މިމަހުގެ ތެރޭގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، މި ވަސީލަތްތައް ތަރައްޤީކުރެވޭނީ ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ފޯކައިދޫ ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސައިންސް ލެބަކާއި އޭވީ ރޫމް ފަދަ ވަސީލަތްތައް ޤާއިމްކުރުން ހިމެނޭނެއެވެ. އަދި ސިއްހީ ދާއިރާއިން "ރައްޔިތުންނަށް ސިއްޙީ ޚިދުމަތްދޭން ރަށުގައި ޤާއިމްވެ ހުންނަ އެތެރެހަށީގެ ޑޮކްޓަރެއް ލިބުމާއި، އެކްސްރޭގެ ޚިދުމަތް ޤާއިމްކުރުން ފަދަ ކަންކަން އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ފާސްވުމާއެކު ހައުސިންގ މަޝްރޫޢު ބަޔަކާ ހަވާލުކޮށް، އުމްރާނީ ގޮތުން އިތުރު ކުރިއެރުންތަކެއް ރަށަށް ގެނެވޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.



