ބިލް ގޭޓްސް އާއި މެލިންޑާ ރަސްމީކޮށް ވަރިވެއްޖެ!

މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް އާއި އޭނަގެ އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި މިދިޔަ މެއި މަހު ނިމުމަކަށް އައިފަހުން، ވަރީގެ މައްސަލަ ކޯޓުން ނިންމައި، ދެމީހުން ރަސްމީކޮށް ވަރިވެއްޖެއެވެ.

މި ދެމީހުން ރަސްމީކޮށް ކޯޓުން ވަރިކޮށްދީފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ބޭރުގެ ހަބަރުތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ވަރިވާން ނިންމިކަން އިއުލާންކޮށް ބަޔާނެއް ނެރެފައިވަނީ މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މި ބަޔާނުގައި ބުނެފައިވަނީ، ކައިވެނި ރޫޅާލަން ނިއްމައިފައިވަނީ ވަރަށް ފުންކޮށް ވިސްނުމަށްފަހު، އަދި ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްވެސް ކުރުމަށްފަހު ކަމަށެވެ.

ބިލް އާއި މަލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެންޏަށް 3 ދަރިން ލިބިފައިވެއެވެ. އެއީ ފޮއޭބީ އެޑެލް ގޭޓްސް، 18، ޖެނިފާ ކެތަރިން ގޭޓްސް، 25، އާއި ރޯރީ ޖޯންސް ގޭޓްސް، 21، އެވެ.

އުމުރުން 65 އަހަރުގެ ބިލް ގޭޓްސް އާ ވަރިވުމަށް ނިއްމާ 56 އަހަރުގެ މެލިންޑާ، ވަރީގެ މައްސަލަ ވޮޝިންޓަންގެ ކިންގް ކައުންޓީ އަށް މިދިޔަ ހޯމަ ދުވަހު ހުށައަޅައިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅާލަން ނިއްމިކަމުގައިވިޔަސް، ދެމީހުން ހިންގާ  ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތުގައި ހިއްސާވެ ކުރިއަށްދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކައިވެނި ރޫޅާލަން ނިއްމި ސަބަބު ހާމަނުކުރިކަމުގައި ވިޔަސް، ދެމީހުންވެސް ބުނެފައިވަނީ، ކުރިއަށް އޮތް ތާގައި ދެމެފިރިންގެ ގޮތުގައި ދިރިއުޅެވޭނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ބިލްގޭޓްސް ހިލޭ އަންހެނަކާ ލޯބީގެ ގުޅުން ބާއްވާކަމަށް ހަބަރުތަކުގައި ވާހަކަ ފެތުރުނެވެ.

ބިލް ގޭޓްސް އަކީ މި ވަގުތު ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު 131 ބިލިއަނަށް އަރައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ