މައިކްރޯސޮފްޓްގެ ބާނީ އަދި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް އާއި އޭނަގެ އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައިފިކަން އިއުލާންކޮށްފިއެވެ.
މިކަން މިގޮތަށް ނިއްމާ މި ދެމީހުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ، ކައިވެނި ރޫޅާލަން ނިއްމައިފައިވަނީ ވަރަށް ފުންކޮށް ވިސްނުމަށްފަހު، އަދި ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްވެސް ކުރުމަށްފަހު ކަމަށެވެ.
ބިލް އާއި މަލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެންޏަށް 3 ދަރިން ލިބިފައިވެއެވެ. އެއީ ފޮއޭބީ އެޑެލް ގޭޓްސް، 18، ޖެނިފާ ކެތަރިން ގޭޓްސް، 25، އާއި ރޯރީ ޖޯންސް ގޭޓްސް، 21، އެވެ.
އުމުރުން 65 އަހަރުގެ ބިލް ގޭޓްސް އާ ވަރިވުމަށް ނިއްމާ 56 އަހަރުގެ މެލިންޑާ، ވަރީގެ މައްސަލަ ވޮޝިންޓަންގެ ކިންގް ކައުންޓީ އަށް މިދިޔަ ހޯމަ ދުވަހު ހުށައަޅައިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅާލަން ނިއްމިކަމުގައިވިޔަސް، ދެމީހުން ހިންގާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ މަސައްކަތުގައި ހިއްސާވެ ކުރިއަށްދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
— Bill Gates (@BillGates) May 3, 2021
ކައިވެނި ރޫޅާލަން ނިއްމި ސަބަބު ހާމަނުކުރިކަމުގައި ވިޔަސް، ދެމީހުންވެސް ބުނެފައިވަނީ، ކުރިއަށް އޮތް ތާގައި ދެމެފިރިންގެ ގޮތުގައި ދިރިއުޅެވޭނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
ބިލް އަކީ މި ވަގުތު ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު 130 ބިލިއަނަށް އަރައެވެ.



