އަފްގާނިސްތާނުގެ ދިފާއީ ވަޒީރުގެ ގެކޮޅަށް ދިން ހަމަލާއެއްގައި އަށް މީހުން މަރުވެއްޖެއެވެ.
ގޮވާތަކެއްޗާއި ބަޑިން ހަމަލާދީފައިވާއިރު މިއީ ގާތްގަނޑަކަށް އަހަރުދުވަސް ތެރޭ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއަށް ހަނގުރާމަވެރިން ދިން ފުރަތަމަ ހަމަލާއެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ގުރީން ޒޯންގައިވާ މި ގެއަށް ހަނގުރާމަވެރިން ހަމަލާދިން ވަގުތު ދިފާއީ ވަޒީރު ގޭގައި ނޫޅުއްވާ ކަމަށް ވެއެވެ. ހަމަލާދިން ހަނގުރާމަވެރިންގެ ތެރެއިން ހަތަރުމީހުން މަރާލެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ގެއިގެ ތެރެއަށް ހަނގުރާމަވެރިން ހަތިޔާރާއެކު ވަދެފައިވަނީ ކާރު ބޮމެއް ގޮއްވާލައިގެން ކަމަށެވެ. ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ތިންގަޑިއިރަށް ބަޑީގެ ކުރިމަތިލުން ހިނގައިފައިވާއިރު މި ސަރަހައްދަކީ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ސަރުކާރު އިމާރާތްތައްވެސް ހުއްނަ ސަރަހައްދެވެ.
ތޯލިބާނުންވަނީ މިހަމަލާގެ ޒިންމާ ނަގައިފައެވެ. މިފަދަ އިތުރު ހަމަލާތައް ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދޭނެ ކަމުގެ އިންޒާރުވެސް ތޯލިބާނުންވަނީ ދީފައެވެ.
ހަމަލާގައި އަށް މީހުން މަރުވުމުގެ އިތުރުން 20 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ބޭރުގެ ފައުޖުތައް އަފްގާނިސްތާނުން ފޭބުމާއެކުހެން ތޯލިބާނުންވަނީ އެމީހުންގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްވުރެ ވަރުގަދަ ކޮށްފައެވެ.