އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް 60 އަހަރުފުރޭ އުފަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފައި އޮތް ނިންމުން ކެންސަލްކޮށްފިއެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ކުލަގަދަ ޕާޓީ ކެންސަލް ކޮށްފައިވަނީ އެމެރިކާގައި ހަލުވިކަމާއެކު އަނެއްކާވެސް ފެތުރެންފަށައިފައިވާ ކޮވިޑް-19 އާއި ގުޅިގެންނެވެ. އޮބާމާގެ ފަރާތުން މައުލޫމާތު ދޭގޮތުގައި އުފަންދުވަހުގެ ޕާޓީއަށް ދެން ހަމައެކަނި އައްނާނީ ގާތް އެކުވެރިންނާއި އާއިލާގެ ބޭފުޅުންނެވެ.
އޮބާމާގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ވިދާޅުވީ އުފަންދުވަސް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު ރާވާފައިވާ ހަރަކާތްތައްވެއް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. މި ހަރަކާތްތަކަކީ އެތައްމަހެއް ކުރިން ސިއްހީ މިންގަނޑުތަކާއި އެއްގޮތަށް ރާވާފައިވާ ހަރަކާތްތަކެއް ކަމަށެވެ. މިހެންނަމަވެސް އޮބާމާއާއި އޮބާމާގެ އަނބިކަނބަލުން މި ހަރަކާތްތަކަށްވެސް ދައުވަތުދޭނެ ފަރާތްތަކުގެ ލިސްޓު މިހާރު ކުޑަކޮށްފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޮބާމާގެ އުފަންދުވަހުގެ ޕާޓީއަށް އެތައްސަތޭކަ ބަޔަކަށްވަނީ ދައުވަތު ދީފައެވެ. މިގޮތުން ހޮލީވޫޑުގެ ފިލްމީ ތަރިންނާއި އަދި ޓީވީ ހުށަހެޅުންތެރިންވެސް ހިމެނެއެވެ. ކޮވިޑް-19 ގެ ކޭސްތައް އެމެރިކާގައި އިތުރުވާން ފެށުމާއި ގުޅިގެން މި ޕާޓީއާއި ދެކޮޅަށްވަނީ ބަޔެއް ފަރާތްތަކުން ވާހަކަދައްކަން ފަށައިފައެވެ.
އެމެރިކާގައި މިހާރު އައްނަނީ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓް ފެތުރެމުންނެވެ. މިއާއެކު މަސްދުވަހުގެ އެވްރެޖް އަދަދަށް ދުވާލެއްގެ މައްޗަށް އައްނަނީ ފައްސިވަމުންނެވެ. މިއާއެކު ކަމާބެހޭ އިދާރާތަކުންވަނީ މާސްކް އެޅުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
އުފަންދުވަހުގެ ހަފްލާއަށް އައްނަ ފަރާތްތައް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ކުރީގެ ރައީސް އޮބާމާއަކީ އެގައުމުގެ ގިނަ ރައްޔިތުންގެ ލޯބި ލިބިފައިވާ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްއެވެ. އޮބާމާވަނީ 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގައި ރައީސްކަން ކުރައްވައިފައެވެ. އޮބާމާއަކީ އެމެރިކާގެ 44 ވަނަ ރައީސްއެވެ.




