އަންހެން ކުދިން ރޭޕްކުރުމުގައި ހައްދުފަހަނައަޅައިފައިވާ އިންޑިއާގައި އުމުރުން އެންމެ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލަ ފެންމަތިވެ މުޒާހަރާކުރަން ފަށައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިނގި މިހާދިސާއާއި ގުޅިގެން މިއީ މުޒާހަރާކުރާ ހަތަރުވަނަ ދުވަހެވެ. އުމުރުން ނުވަ އަހަރުގެ ކުޑަ ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ ކުޑަކުއްޖާ ރޭޕްކޮށް މަރާލައިފައިވަނީ ހިންދީ ދީނުގެ ފާދިރީއަކާއި އަދި އިތުރު ތިންމީހުން ވެގެންނެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ރޭޕްކޮށް މަރާލެވުނު ކުއްޖާގެ މަންމަ ބުނީ، އެކުއްޖާ ގެއްލިގެން ހޯދަން ފަށައިފައިވަނީ މަރުވާ މީހުން އެންދުމަށް ހާއްސަ ތަނަކަށް ފެންބަލާ ފޮނުވައިފައި ނައިސްގެން ކަމަށެވެ. ފެންބަލައި ފޮނުވިތަނަށް އެކުއްޖާގެ މަންމަ ދިޔައިރު އެތަނުން އެކުޑަކުއްޖާގެ ފުރާނަނެތް މަސްގަނޑު ފެނިފައިވާ ކަމަށާއި ތުންފަތް ނޫވެ ނޭފަތް ކައިރީ ލޭ ހުރުމުގެ އިތުރުން ލައިގެން ހުރި ހެދުންވެސް ތެމިފައިވާ ކަމަށެވެ.
މީގެއިތުރުން، އެކުއްޖާގެ މަންމަ ބުނީ އާއިލާގެ ނުގަބޫލުގައި އެކުއްޖާ އަންދާލައިފައިވާ ކަމަށެވެ. ފުލުހުންނަށް އެމައްސަލަ ރިޕޯޓު ކުރަން އުޅުމުން އެކަމަށްވެސް އެ ހަތަރުމީހުން ހުރަސްއަޅައި ބިރުވެސް ދައްކާފައިވާ ކަމަށެވެ.
ކުޑަކުއްޖާގެ ބައްޕަ ބުނީ ވިލެޖުގެ 150 މީހުންނާއެކު ކުޑަކުއްޖާ ފެނުނު ސަރަހައްދަށް ދިޔައިރު އެކުއްޖާ އެކީހެން އަންދާލައިފައިވާ ކަމަށެވެ. ފެންޖަހާ ނިއްވާލިނަމަވެސް ހަށިގަނޑުން ނާދާ ސަލާމަތްވެފައިވަނީ ފައިއެކަނި ކަމަށެވެ.
މިމައްސަލައިގައި ތުހުމަތުކުރެވޭ ހަތަރުމީހުން ފުލުހުންވަނީ މިހާރު ހައްޔަރުކޮށްފައެވެ. އިންޑިއާއަކީ މުޅި ދުނިޔެއިންވެސް ރޭޕްގެ ކޭސްތައް އެންމެ ގިނަ ގައުމެވެ.