އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިންދޭން ފަށަނީ

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ދޭންފަށައިފައިވާ ކޮވިޑްވެކްސިން އުމުރުން 12 އަހަރުން މައްޗަށް ދިނުމަށް ނިންމައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށްވެސް ވެކްސިންދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މި އުމުރުފުރާގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ. ޑރ. ނަޒްލާ ވިދާޅުވީ، އުމުރުން 12 އަހަރުން މަތީގެ ކުދިންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ގުނަވަންތައް ބަދަލުކުރުން ފަދަ ފަރުވާ ހޯދާފައިވާ މީހުންނަށް ވެސް ކޮވިޑުން ދިފާއު ވުމަށްޓަކައި ފައިޒާ ވެކްސިން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަނީ ފައިޒާ ވެކްސިން ލިބޭނެކަމުގެ ކޮންފަމޭޝަންވެސް މިހާރު ލިބިފައި. ފައިޒާ ވެކްސިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސްތެރޭ ޖަހަން ފަށާނަން. އަދި ސީދާ ދުވަހެއް އަންނަ ހަފްތާ ތެރޭ އިއުލާނުކުރާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ސްކޫލްތަކާ ގުޅިގެން ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށަން އަންނަނީ ތައްޔާރުވަމުން ކަމަށެވެ.

"މިހާރުވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއެއްކޮށް މަސައްކަތްކުރަމުން މި ދަނީ، ސްކޫލްތަކުން ވެކްސިން ޖެހޭނެ ކުދިންގެ އަދަދުތައް ހޯދުމަށްޓަކައި. އެ ކުދިންގެ ތަފްސީލްތައް ހޯދުމާއި މިކަންކަން ކުރިޔަށް އެބަދޭ. މިހާރުވެސް މިކަންކަން ކުރިޔަށް އެބަދޭ،" ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ރާއްޖޭގައި އަންނަނީ ހަތަރު ބާވަތެއްގެ ވެކްސިނެއް ދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ