ނެޓްފިލްކްސް އިން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ސީރީޒް "ސްޓްރޭންޖާ ތިންގްސް" ސީޒަން 4 އާ ޓީޒާއެއް ނެޓްފްލިކްސް އިން ނެރެފިއެވެ. އަދި ސީޒަން 4 ދައްކަން ފަށާނީ އަންނަ އަހަރުކަން މިވަނީ އިއުލާންކޮށްފައެވެ.
ސްޓްރޭންޖާ ތިންގްސް ގެ 3 ވަނަ ސީޒަން ނިމުނުތާ މިހާރު ގާތްގަނޑަކަށް އެއް އަހަރު ދުވަސްވެފައިވާއިރު، ހަތަރު ވަނަ ސީޒަން ބެލުންތެރިންނާއި ހަމައަށް އައުން ލަސްވެފައިވަނީ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެންނެވެ.
ސްޓްރޭންޖާ ތިންގްސް ގެ ސީޒަން 3 ނިއްމާލައިފައިވަނީ، ފޭނުންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދީފައެވެ. އެއީ ސީރީޒްގެ އެންމެ ލޯބި ލިބިފައިވާ ކެރެކްޓަރ " ޖިމް ހޮޕާ" ގެ މަރުންނެވެ. ނަމަވެސް މީގެ ކުރިން ދައްކާލި ޓީޒާ ޓްރެއިލާއެއްގައި "ޖިމް" އަދި މަރުނުވާކަން ދައްކައެވެ.
ނަވާރަ ސަތޭކަ އައްޑިހައިގެ ދުވަސްވަރު ދައްކުވައިދޭ މި ސީރީޒްގައި ފެނިގެންދަނީ، “ހޯކިންސް” ނަމަކަށް ކިޔާ ސިޓީއެއްގައި އުމުރުން ހަގު ކުދިންތަކަކަށް ކުރިމަތިވާ ސުޕަރނެޗުރަލް ހާދިސާތަކެކެވެ.



