ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްވިންޓިޕް ކައިޓް ރޭހެއް، ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ. މިއީ ކައިޓް ބޯޑިން ކުޅުދުއްފުށީގެ ފަރާތުން އިންތިޒާމުކޮށްގެން ރާއްޖޭގައި މިގޮތަށް ބޭއްވި ފުރަތަމަ ޓްވިންޓިޕް މުބާރާތެވެ. އަދި މި މުބާރާތާއެކު ކުޅުދުއްފުށި ސިޓީ މިވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި އުޅުނު އިސްފަރާތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، “ޓްވިންޓިޕް ކައިޓް ރޭސް - 2021” ގެ ނަމުގައި އިއްޔެ ކުރިޔަށް ދިޔަ މި ރޭހުގައި 15 ސާފަރުން ވަނީ ބައިވެރިވެފައެވެ. އަދި މި ރޭހުގައި ބައިވެރިވި ސާފަރުންނަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ސާފަރުންކަން އޭނާ ފާހަގަކުރިއެވެ.
ޓްވިންޓިޕް ބޯޑު ބޭނުންކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްވިންޓިޕް ރޭސް ކުރިއަށް ގެންދިޔައީ ދެ މޭލުގެ ރާސްތާއަށް، 3 ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 5 ސާފަރުން ވާދަކޮށްގެންނެވެ. އަދި ފައިނަލް ބުރުގައި ވާދަކޮށްފައިވަނީ ތިން ރައުންޑުން އެއްވަނަ އަށް ދިޔަ ތިން ބައިވެރިން ވާދަކޮށްގެންނެވެ.
ކައިޓް ބޯޑިން ކުޅުދުއްފުށިން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، “ޓްވިންޓިޕް ކައިޓް ރޭސް - 2021” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ކައިޓް ސަރފިން ރޭހާއި އެކު، ދިވެހިރާއްޖޭގެ މޫދު ކުޅިވަރުގެ ތާރީޚުގެ ތެރެއަށް ބޮޅެއް އަމުނާލެވުނު ކަމުގެ ޝަރަފު ކުޅުދުއްފުށި ސިޓީއަށް ހޯދުނު ކަމީ ލިބުނު ފަޚުރެއް ކަމަށެވެ. އަދި މިއީ ކާމިޔާބު ކަމާއެކު ނިއްމާލެވުނު ހަރަކާތެއް ކަމަށް ކައިޓް ބޯޑިން އިން ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ކައިޓް ބޯޑިން ކުޅުދުއްފުށީ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށި ކައިޓް ބޯޑިންއިން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން މިދިޔަ ބޮޑު އީދު ތެރޭގައި ސާފަރުންނާއެކު ރޭގަނޑު ކުރިއަށްގެންދިޔަ ލައިޓް ޝޯ ފާހަގަކޮށްލެވެއެވެ. އަދި ކޮންމެ އަހަރަކުވެސް މިފަދަ އާ ހަރަކާތްތައް ކުޅުދުއްފުށި ކައިޓް ބޯޑިން އިން އަންނަނީ ބާއްވަމުންނެވެ.
ކައިޓް ބޯޑިން ކުޅުދުއްފުށިން ބުނީ ކުރިއަށް އޮތްތާގައިވެސް މިފަދަ ހަރަކާތްތައް އެމީހުންގެ ޓީމުން ކުރިއަށްގެންދަން ރޭވިފައި އެބަހުރިކަމަށެވެ. ނަމަވެސް މިވަގުތު ކޮވިޑް ހާލަތާއި ގުޅިގެން ހަރަކާތްތައް ހިންގުމުގައި ގޮންޖެހުންތައް ހުރިކަން ކައިޓް ބޯޑިން އިން ފާހަގަކުރިއެވެ.