ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށް ބުނާ ވާހަކަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޮގުކޮށްފިއެވެ.
ނަޝީދާއެކު ޔާމީން ސިއްރު ޑީލެއް ހައްދަވައިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވަނީ ވާހަކަ ދައްކަވައިފައެވެ. ދިވެހި ޗެނަލްއިން ރޭ ގެނެސްދިން ހަވާސާ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމު އުމަރު ވިދާޅުވީ ރައީސް ޔާމީނާއި، ރައީސް ނަޝީދު މިހާރު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށެވެ.
އޭގެ ދެކޮޅު ހާމަކުރައްވަމުން ޢުމަރު ވިދާޅުވީ ރައީސް ޔާމިންގެ ބޭނުންފުޅަކަށް ވާނީ ޖަލުން މިނިވަންވުން ކަމަށެވެ. އެ ގޮތުން އެކަމަށް ކޮށްދެއްވެވެން ހުރި މަސައްކަތްތައް ރައީސް ނަޝީދު ކޮށްދެއްވުން ކަމަށެވެ. ހަމައެހެންމެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ކޮންމެ ވެސް ކަމެއް ހުށަހަޅުއްވާފައި އޮންނާނެ ކަމަށާއި ”ޕޮލިޓިކްސް“ ގައި އޮންނަ ގޮތަކީ އެއީ ކަމަށެވެ.
މިވާހަކަތައް ދޮގުކޮށް އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރ.ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި، ނަޝީދާއެކު ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށެވެ.
"ޢަމުދުން ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނި ލީޑަރަކީ ރައީސް ޔާމީން. ރައްޔިތުންނަށް އެކަން ވަރަށް ސާފު" އަދުރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ނަޝީދުއާއި ސިއްރު ޑީލެއް އޮންނަކަމަށް ބުނާ ވާހަކައަށް އިިދިކޮޅު ކޯލިޝަނުން މީގެ ކުރިންވެސް ވަނީ ދޮގުކޮށްފައެވެ. ކޯލިޝަން ޕާޓީން ބުނީ، ނަޝީދާއެކު އެ ކޯލިޝަނުންކުރަންޖެހޭ އެއްވެސް މަސައްކަތެއް ނޯންނާނެކަމަށެވެ.




