ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން ޖުމްލަ 3.197 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެއީ އިއްޔެ މެންދުރުފަހު ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލްގެ އަންހެނެއް ކަމަށް ކަސްޓަމްސް އިން ހާމަކުރެއްވިއެވެ.
އެ ބަޔާނުގައި ވާގޮތުން ކަސްޓަމްސް އިން އެމީހާގެ އަތުން މަސްތުވާތަކެތި އަތުލައިގަނެވުނީ، އެ އަންހެން މީހާގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
އޭނަގެ ލަގްޖް ބަލާ ފާސްކުރިއިރު، ން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް ފެނުމުން އެ ތަކެތި ޓެސްޓު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި އެ މީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.
މިކަމާއި ގުޅޭ އިތުރު ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.