ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކުރެވެން ނެތް ކަމަށް ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ހިޔާ ފުލެޓުތަކުގެ ކުލީގެ ގޮތުގައި، މެއިންޓެނެންސް ފީ އާއެކު 8،500 ނަގަން މި ސަރުކާރުން ނިންމައިފައެވެ. ނަމަވެސް ކުރީގެ ސަރުކާރުން ނިންމި ގޮތަށް ހިޔާ ފްލެޓްތަކުގެ މަހު ކުލި 5600 އަށް ކުޑަކޮށްދިނުމަށް ގޮވާލާ އިއްޔެ ވަނީ ފުލެޓު ލިބުނު ފަރާތްތަކުން އިހްތިޖާޖުވެސް ކޮށްފައެވެ.
އެ ފަރާތްތަކުން އިހްތިޖާޖުކޮށްފައި ވަނިކޮށް، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ، ފުލެޓުތަކުގެ ކުލި ކުޑަކޮށްފިނަމަ ފުލެޓުތައް އެޅުމަށް ނެގި ލޯނު ދައްކަން ސަރުކާރަށް ދަތިވާނެ ކަމަށެވެ. އަސި، ލޯނު ދެއްކޭނީ މިހާރު ކަނޑައަޅާފައިވާ ކުލީގެ އަގަށް ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އަދިއެއް އިތުރު ބަދަލެއް އައިސްފައެއް ނެތް ކުއްޔަކަށް. ހަމަ ކުރިންވެސް ކަނޑައެޅިފަ އޮތް ގޮތަށް 8،500 ހުރިހާ މަހަކު," ސުހައިލް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާ އިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރައެވެ.



