ހުޅުމާލެ ޕްލޭން އޮތީ އިތުރުވާ އާބާދީއަށް ރިޔާއަތްނުކޮށް: މަޢުރޫފް

ހުޅުމާލޭގެ ކުރީގެ މާސްޓަރ ޕްލޭންގައި ވަރަށް މުހިންމު ގިނަ ކަންތައްތަކެއް ދޫކޮށްލެވިފައި ހުރުމުން، އެންމެ އިސްކަމެއް ދެއްވާފައިވަނީ އިތުރުވަމުންދާ އާބާދީއަށް ރިއާޔަތްކޮށް އަލުން ޕްލޭން އެކުލަވާލުމަށް ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަޢުރޫފް ވިދާޅުވީ، އެމަޤާމާ ހަވާލުވެވަޑައިގެން ކުރު މުއްދަތެއް ވީނަމަވެސް، ހުޅުމާލެއަކީ މީހުން ދިރިއުޅެން އެންމެ އެކަށީގެންވާ މާޙައުލަކަށް ހެދުމަށްޓަކައި މާސްޓަރ ޕްލޭނަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް އިސްކަންދެއްވި ކަމަށެވެ.

މަޢުރޫފް ފާހަގަކުރެއްވި ގޮތުގައި ކުރީގެ ޕްލޭންގައި އެންމެ ބޮޑު އުނިކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެކަށީގެންވާ ބަނދަރެއް ނެތުމެވެ. "ވަރަށް ރަނގަޅަށް ތަރައްޤީކުރެވި ތަރުތީބުކުރެވިފައިވާ ބަނދަރެއް ހުޅުމާލެއަށް ބޭނުންވޭ. ޚާއްސަކޮށް ރަސްމާލެ އަންނައިރު، ފެރީގެ މުހިންމު ކަނެކްޓިވިޓީއެއް ހުޅުމާލޭގައި އޮންނަންޖެހޭ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގެ އާބާދީ އަވަސް ދުވެލީގައި އިތުރުވަމުންދާއިރު، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމި އެތަނުގައި މީހުން އާބާދުވާއިރު، ހުޅުމާލޭގެ ޖުމްލަ އާބާދީ 230،000އާ ގާތްކުރާނެކަމަށް ބެލެވެއެވެ. މިކަމަށް ރިއާޔަތްކޮށް، އާ މާސްޓަރ ޕްލޭންގައި އާންމު ޚިދުމަތްތަކާއި، ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތައް އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.

އަންނަ މަހު ރިޓަޔަރކުރެއްވުމަށް ނިންމަވާފައިވާ މަޢުރޫފް ޖަމީލަކީ 24 އަހަރު ކުރިން ހުޅުމާލެ ތަރައްޤީކުރުމުގެ ފުރަތަމަ މަސައްކަތްތައް ފެށުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރިޓަޔަރ ކުރެއްވުމަށްފަހުގައިވެސް ހުޅުމާލޭގެ ތަރައްޤީއަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ