ގޭގެއަށް ގޮސްގެން ކުނި ނަގާގޮތައް އަދި ނުނިންމަން: ވެމްކޯ

މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތަށް ކުނި ނަގާ އުސޫލު ބަދަލުކުރުމަށް އަދި ނިންމާފައިނުވާކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު އާންމު ހާލަތަކަށް އައިސްފައިވާއިރު، ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއިން ކުނި ނަގާގޮތަށް ހަމަޖައްސަވަން ވެމްކޯއަށް ހުށަހަޅުއްވާނެކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ވެމްކޯއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

"މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުން ދިއުމާއި ގުޅިގެން މިކަމަށް ރިއާޔަތްކޮށް މި ކޯޕަރޭޝަނުން ގޭބީސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލު ގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް މި ކޯޕަރޭޝަނުން ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރެވޭނެ ވާހަކަ ދަންނަވަމެވެ،" ވެމްކޯއިން ނެރުނު ބަޔާނުގައި ވިދާާޅުވިއެވެ.

މީގެ ކުރިންވެސް ވެމްކޯއިން ގޭގެއަށްގޮސްގެން ކުނި ނަގާ އުސޫލަށް އަމަލުކުރަމުން އައިނަމަވެސް، ކޮވިޑާ ގުޅިގެން ގޭގެއިން އުކައިލާ ކުނި ބަހައްޓަން ޖެހެނީ މަގުމައްޗަށް ނެރެފައެވެ.

ކައުންސިލްގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް މާލެ ސަރަހައްދުގެ ރައްޔިތުންނާއެކު ސިޓީ ކައުންސިލުން ބާއްވާ މަޝްވަރާ ބައްދަލުވުމުގެ މުއިއްޒު ވިދާޅުވީ، މިހާރު ކުނިނެގުމުގައި އަމަލުކުރާ އުސޫލުގެ ގޮތުން މާލޭ ސިޓީގެ މަގުތަށް އޮންނަނީ ކުނިވެ ނަޖިސް ވެފައި ކަމަށެވެ.

ވެމްކޯއިން މިހާރު ކުނި ނަގަނީ، ކުނި ނަގަން ވެމްކޯއިން އަންގާފައިވާ ގަޑިތަކުގައި ކުނިތައް މަގުމައްޗަށް ނެރުމުން ވެމްކޯގެ މުވައްޒަފުން ގޮހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ