6 މޭ 2021 ވަނަ ދުވަހު ނަޝީދުއަށް ދިން ހަމަލާގެ ތަހުޤީގު ނުނިމޭތީވެ ރާއްޖެދިއުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި ސިޓީއެއް ވަނީ މަޖިލިސް މެންބަރުންނަށް އިއްވައިފައެވެ.
އެ ސިޓީގައި ނަޝީދު ވިދާޅުވީ، ނަޝީދުއަށް ދިން ހަމަލާގެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވާކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ހަމަލާ ރާވާ ހިންގި ފަަރާތުގެ ތަހުގީގު އަދިވެސް ނުނިމޭ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވައި ރާއްޖެއިން ބޭރުގައި ހުރެވޭނެ ގޮތަށް ފުރުސަތު ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"މި ޢިއްޒަތްތެރި މަޖިލީހުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، އަޅުގަނޑު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށެވެ." ނަޝީދު ލިޔުއްވާފައިވެއެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތަކުގައާއި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. މި ގޮތުން އިންޓަ ޕާލިމެންޓްރީ ޔުނިއަންއާއި ކޮމަވެލްޓް ޕާލިމަންޓަރީ ޔުނިއަންއާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ، މި ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން އެމަނިކުފާނު ފޮނުވާ ސިޓީއެއް ނޫންކަމަށެވެ. މިއީ މިވަގުތުގެ ޙާލަތަށް ރިޢާޔަތްކޮށް، އިޚްލާޞްތެރިކަމާއެކު ދަންނަވާ ދެންނެވެއްކަމަށެވެ.
ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން މިވަގުތު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ.




