އިޖާރާ އެސެޓެއްގެ ގޮތުގައި ރާއްޖޭގެ އެއްވެސް ސްކޫލެއް ބޭނުންކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިހާތަނަށް އެއްވެސް ދަރަަންޏެއް މިހާތަނަށް ނަގައިފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވިދާޅުވެއްޖެއެވެ.
އިޖާރާ އެއްބަސްވުމުގެ ދަށުން ދައުލަތަށް ފައިސާ ހޯދުމަށްޓަކައި މާލޭގެ ސްކޫލުތަކެއް ރަހުނުކޮށްފި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ މިކަން ދޮގުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިޖާރާ އެއްބަސްވުމުގެ ދަށުން ހަރުމުދަލެއްގެ ގޮތުގައި ރާއްޖޭގެ ސްކޫލެއް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އެސެޓެއް ރަހުނު ކޮށްގެން ދައުލަތަށް ދަރަންޏެއް ނެގުމަކީ މި ސަރުކާރުގެ ވިސްނުމުގައި ވާ ކަމެއް ނޫން ކަމަށެވެ. އަދި ކުރާނެ ކަމެއްވެސް ނޫންކަމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ހިންގުމަށް އިތުރު ފައިސާ ހޯދުމަށް މާލޭގެ ސްކޫލުތައް ރަހުނުކުރާ ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގެ ސްކޫލުތަކެއް ރަހުނުކުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެގޮތުން ބޮންޑުގައި ކުރާ ރަހުނާއި ސުކޫކުގައި ބަހައްޓާ އެސެޓަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުން ފަށާފައިވާ ސުކޫކް ވިއްކުމުގެ ޕްރޮގްރާމްގެ ތެރޭގައި ދައުލަތުގެ އެސެޓްތައް ހިމެނޭ އިރު ސްކޫލުތައް ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ދައުލަތުން ސުކޫކް ވިއްކަން އެސެޓެއްގެ ގޮތުގައި ބަހައްޓަން ނިންމި ސްކޫލުތަކުގެ ތެރޭގައި އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ރެހެންދި ސްކޫލާއި، އީޕީއެސް އާއި އެމްއީއެސް ހިންގި އިމާރާތް އަދި ސީއެޗްއެސްއީ ހިމެނެ އެވެ.
މިދިޔަ އޭޕްރީލް ދައުލަތުން ވަނީ ސުކޫކު ވިއްކައިގެން 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ހޯދައިފައެވެ. މި ސުކޫކް ވިއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. އަދި މިއީ ފަސް އަހަރު ފަހުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެ ފައިސާ އެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓަރ އަމީރު އަންނަ ހަފްތާގައި ނޫސްވެރިންނާއި ބައްދަލުކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.