އާރުޑީސީ ފަޅާލުމާ ސިޔާސީ ބަޔަކާ ގުޅުމެއްނެތް: ފުލުހުން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އާރްޑީސީ) ގެ އޮފީސް ފަޅާލި މައްސަލައާއި ސިޔާސީ އެއްވެސް ކަމަކާ ގުޅުމެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރިވިސް އިން ވިދާޅުވެއްޖެއެވެ.

މީގެ ދެ ދުވަސްކުރިން އާރުޑީސީގެ އޮފީސް ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަންކޮށްފައިވަނީ އެ އޮފީހުގެ ސީލިންގ ފޫއަޅުވާލައިގެންނެވެ. މިއީ އެ އޮފީސް ފަޅާލި ތިންވަނަ ފަހަރެވެ.

މި މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ، އާރްޑީސީ ގެ އޮފީހަށް ގެއްލުންދެނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ނަމަވެސް މިއަދު ފުލުހުން ވިދާޅުވީ، މި މައްސަލައާއި ސިޔާސީ އެއްވެސް ކަމާއި އަދި ފަރާތަކާއި ގުޅުމެއް ނެތް ކަމަށެވެ.

"އާރުޑީސީ ފަޅާލި އެއްވެސް މައްސަލައަކާއި ސިޔާސީ އެއްވެސް ކަމަކާ އަދި ބަޔަކާ އެއްވެސް ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައި ނުވޭ" ފުލުހުން ވިދާޅުވިއެވެ.

އާރުޑީސީގެ އޮފީސް ފަޅާލީ އިދިކޮޅުން ކަމަށް މޫކޭ ތުހުމަތު ކޮށްފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަކީ ދިވެހި ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް އަރައި ގަންނަވާނެ ބައެއް ނޫންކަމަށެވެ.

"ޕީޕީއެމް، ޕީއެންސީ އަކީ އެއްވެސް އިރަކު ހުޅުޖަހާ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއްނޫން. އެކަންކަމަށް ހިތްވަރުދީ ތާއީދެއްވެސް ނުކުރާނެ. އެފަދަ ކަންކަން ހިންގުމުގެ ހިސްޓްރީ އޮތީ މިސަރުކާރުގެ ތިއްބެވި ބޭފުޅުންގެ. އެކަން ފެބްރުއަރީ 8 ގައި ރާއްޖޭގެ ހުރިހާ ދިމާލަކުން ފެނިގެންދިޔަ." ހީނާ ބުނެފައިވެއެވެ.

އާރުޑީސީގެ އޮފީސް ފަޅާލި މައްސަލައެއް މީގެ ހަތަރު ވަރަކަށް މަސްކުރިންވެސް ވަނީ ފެންމަތިވެފައެވެ. އޭރު އާރުޑީސީގެ އޮފީސް ފަޅާލައި އެތަނުން ވަނީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައެވެ. އަދި އޭގެ އިތުރުން އެ އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުންގެ އަމިއްލަ ބައެއް ތަކެތި ވެސް ވަނީ ވަގަށް ނަގާފައެވެ.

މީގެ އިތުރުން، އޭގެ ހަފްތާއެއް ފަހުން އެ އޮފީސް ފަޅާލައި 3000 ރުފިޔާ ވަގަށް ނަގައިފައިވެއެވެ. މިއިން އެއްވެސް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ