އައްޑޫ ސިޓީ އަރބަން ސެންޓަރަކަަށް ބަދަލު ކުރާއިރު ބޭނުންވާ މަގުތައް ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
ޕާޓްނަރޝިޕް ފޯރަމް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޕާޓްނަރޝިޕަށް ބައެއް މަޝްރޫޢުތައް ގެނައި އިރުވެސް ބައެއް މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޕާޓްނަރޝިޕް ފޯރަމަށް ހުށަހެޅި ބައެއް މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި. އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން އައްޑޫ އަރބަން ސެންޓަރަކަށް ބަދަލު ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ތެރެއިން އައްޑޫ ސިޓީ އަރބަން ސެންޓަރަކަށް ބަދަލުކުރާއިރު ބޭނުންވާ މަގުތައް ހެދުމަށް ބޭނުންވާ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށެވެ.
އައްޑޫ ސިޓީއަށް ސަރުކާރުން ވަނީ 6.3 ބިލިއަން ރުފިޔާގެ މަޝްރޫޢުއެއް ގެންނަން ނިންމާފައެވެ. އައްޑޫ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ރައީސް ވަނީ އައްޑޫ ސިޓީގެ މަތިން ހަނދާން ނައްތާ ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.




