ނާޒިމް ފްރޭމް ކުރީ ޔާމިނުގެ ރޭވުމުގެ ދަށަކުން ނޫން: އިދިކޮޅު

ކުރީގެ ޑިފެންސް މިނިސްޓަރ، ދަނގެތީ ދާއިރާގެ މެންބަރު ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ޑިފެންސް މިނިސްރަކަށް ހުންނަވަނިކޮށް ގެއިން ފިސްތޯލަ އެއް ފެނުނު މައްސަލައިގައި އެކަމާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން އާއި ގުޅުވައި ސަންގު ޓީވީ ގެ ޕްރޮގްރާމެއްގައި އޭނާ ދައްކަވާފައިވާ ވާހަކަ އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފިއެވެ.

އިދިކޮޅުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ ނާޒިމް ދައްކަވާފައިވަނީ ޙަޤީޤަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އޭގެ އިތުރުން، ވަޒީރުން ހަތިޔާރު ގެންގުޅުމާއި ގުޅޭ ގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާއި ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، ކަމުގެ ޙަޤީޤަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހިރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ވެސް އިދިކޮޅުން ވަނި ނާޒިމަށް ގޮވާލައިފައެވެ.

ފިސްޓޯލު ގޭގައި ގެންގުޅުނު މައްސަލައިގައި ނާޒިމް ވިދާޅުވެފައިވަނީ، އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ހަތިޔާރު ގެއަށް ގެންދެވޭ ގޮތަކަށް ކަމަށެވެ. ނަމަވެސ އިދިކޮޅުން ވިދާޅުވީ، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުންމަށް ހަތިޔާރު ގެންގުޅުމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ، ނާޒިމުގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމް ގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާކަމެއްކަމަށް ވިދާޅުވިނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުންކަމަށެވެ.

ނާޒިމް އިސްވެ ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނީ، ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ