ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް މައުމޫން ގޮވާލައްވައިފި

ކޮންމެ މުވައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މަޢުމޫން މިހެން ވިދާޅުވެފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ (ޑީޑީ)ގެ ސުލޫކީ މައްސަލައެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅައި، ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ނިންމުމުން ސުޕްރީމް ކޯޓާއި، ޖޭއެސްސީ އަދި ރައްޔިތުންގެ މަޖިލީހުގެ ދެމެދުގައި ކޯޅުންތަކެއް އުފެދިފައިވަނިކޮށެވެ.

"ކޮންމެ މުއައްސަސާއަކުންވެސް ޤާނޫނު އަސާސީ ތަންދޭ ގޮތެއްގެ މަތިން އަދި އެ މުއައްސަސާއެއްގެ ޤާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ގޮވާލަން." ސަރުކާރު ކޯލިޝަނުގެ އެއް ލީޑަރ، މަޢުމޫން ވިދާޅުވިއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަންގެ މައްސަލަ ވަަރަށް ހޫނުވެފައިވާއިރު، އޭނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާނުވާން ޖޭއެސްސީ އިން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަދި މިއަދު ރައްޔިތުންގެ މަޖިލީސް އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައަޅައި އެ ރިޕޯޓް ފާސްކޮށްފައެެވެ.

މި މައްސަލަ ހޫނުވެފައިވަނިކޮށް މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވިދާޅުވީ، ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ކަމެއްކަމަށް ކަނޑައަޅައި މިކަން، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް