އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އިހްމާލެއް ފެނިއްޖެނަމަ ކޯލިޝަން ރޫޅާލުމަށްފަހު ސަރުކާރާއި ދެކޮޅަށް އަދާލަތު ޕާޓީން ނުކުންނަން ފަސް ނުޖެހޭނެކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިފަދައިން ވިދާޅުވީ، އަދާލަތު ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ ސިޔާދަތާ މިނިވަން ކަމަށް ރައްކާތެރިވެ ހުރެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް އަދާ ކޮށްދޭހާ ހިނދަކު އެމަނިކުފާނާ އަދާލަތު ޕާޓީ އާ އިންޗިއެއް ވެސް ދުރުވެގެން ނުދާނެކަމަށެވެ.
..ނަމަވެސް "މިދެންނެވި އަސާސްތަކާ ދުރަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލުމަށް ފަހު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އަދާލަތު ޕާޓީ ފަހަރެއްގައި ވެސް ފަހަތަކަށް ނުޖެހޭނެ. މިއީ އަޅުގަނޑުމެންގެ ނިންމުން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި ނިންމަން ޖެހުނު ކޮންމެ ނިންމުމެއްވެސް އަދާލަތު ޕާޓީން ނިންމައިފައިވާނީ ސާބިތުކަންމަތީގައި ކަމަށެވެ. އެހެންކަމުން އިސްލާމް ދީނަށް ލޮޅުން އަރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރިމަތި ކުރާހިނދު އެ ޕާޓީގެ މެމްބަރުން ދެއަތް އުރާލައިގެން ބަލަން ނުތިބޭނެކަމަށް އިމްރާން ވިދާޅުވިއެވެ.




ހިޔާލު
މީނަވެސް އެބަބަލައޭ އަދި ބިރުދެއްކޭތޯ، ދެއަތަށް ކިރި ކިރި މުޅި އުމުރު އެހޭދަކޮއްލަނީ، ކާކު ކޮން ބިރެއް ގަންނާނީ، އަނެއްކަވެސް ވެރިކަން ބަދަލުވާއިރަށް މަތީމަގާމެއް އަތުޖައްސާލާ އެޕާރޓމަންޓެއް ގަނެލާ މިހާރުލައިގެން އުޅޭ އަންނައުނު ބަދަލުކޮއްލެވެނިކޮށް މިމީސްމީހުންނަށް އެވީ….. ހުސް ހޮޅި ވާހަކަ!