އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން (ކ) އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ވ) | ފޮޓޯ: މިހާރު

އިންޑިއާ-އައުޓް ކެމްޕެއިނާ އަދާލަތު ޕާޓީން ދެކޮޅު

އިންޑިއާ-އައުޓް ކެމްޕެއިނަކީ އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ އަކީ އިންޑިއާ ކަނޑުގެ މެދުގައި އެތުރިފައިވާ ނާޒުކު ޖަޒީރާ ޤައުމަކަށްވީ ހިނދު، ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ އާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހިންގެ އެންމެހާ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް މަތީ ދައުރެއް އަދާކުރާ ކަމަށެވެ.

"ޢަދާލަތު ޕާޓީން ދެކޭގޮތުގައި ދިވެހި ޚާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އަމާޒަކަށް ވާންވާނީ ދިވެހިންނާއި ދިވެހި ޤައުމުގެ ސަލާމަތާއި މަސްލަޙަތު ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. އަދި ހަމައެހެންމެ، ދިވެހިރާއްޖެ ލެއްވިފައިވަނީ އިންޑިއާ ކަނޑުގައި ކަމަށްވެފައި ބައިނަލްއަޤުވާމީ ސަލާމަތާއި ވިޔަފާރީގެ ދާއިރާގައި އިންޑިއާ ކަނޑުގެ އަހަންމިއްޔަތުކަން އިތުރުވަމުން އަންނަ ހިނދު، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތްކުރުމަކީވެސް ދިވެހި ޚާރިޖީ ސިޔާސަތުގައި ރިޢާޔަތްކުރަންވާ މުހިންމު ކަމެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އަދާލަތު ޕާޓީން ބުނީ، މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތުހުރި ގޮތް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށެވެ.

ވަކިން ޚާއްޞަކޮށް ތަރައްޤީ އާއި އެނޫންވެސް ދިވެހިން އެދޭ ދިރިއުޅުން ހާސިލުކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި އަދި ހެޔޮއެދޭ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއްގައި އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުންބަދަހިކުރަންޖެހޭ ކަމަކީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއް ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އެހެންކަމުން، ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށް އެހީތެރިވެދޭ ބައިވެރިންނާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް، ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް އަދާލަތު ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.

"ވަކިން ޚާއްސަކޮށް އަވަށްޓެރި އިންޑިއާ އާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު އިސްވެހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު މި ޕާޓީން ކަންބޮޑުވަމެވެ. ދިވެހިރާއްޖެ އާއި އަވަށްޓެރި އިންޑިއާ އާދެމެދު ސްޓްރެޓީޖިކް ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަށް ދެމިގެންއަންނަ ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖަކަމަށް ވާއިރު އަދި ވަކިން ޚާއްޞަކޮށް މިހާރު ހިނގަމުން މިދާ ބައެއް ކަންކަމަކީ ޚުދު ރައީސް ޔާމީނުގެ ވެރިކަމުގައި އެކަންކަމުގެ ބިންގާ އަޅުއްވާފައިވާ ކަންކަން ކަމުގައި ވީއިރު، އެމަނިކުފާނު މިހާރު ކުރިއަށްގެންދަވާ ކެމްޕޭނަކީ ސިޔާސީ މަޤުޞަދެއްގައި ރައްޔިތުންގެ ޝުޢޫރުތަކާ ކުޅުއްވައިގެން ހިންގަވާ ނޭއްގާނީ އަމަލެކެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން އިތުރަށް ބުނީ، އިދިކޮޅުން އިންޑިއާ އާ ދެކޮޅަށް އެގޮތަށް ނިކުތުމުން، އެކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަޤުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ޤައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ވުން ކަމަށެވެ.

ޢަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަން މި ފުރުސަތުގައި ޢަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްއަރުވާ ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ