މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ3 އިން ސީއޭއޭ1 އަށް ދަށްކޮށްފި އެވެ.
މޫޑީސް އިން މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ބީ3 އަށް ދަށްކުރީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓީފައި އޮތުމުންނެވެ. ނަމަވެސް މި ފަހަރު ރޭޓިން ކުރިއިރު ދަށްކޮށްފައިވަނީ، އެޖެންސީން ލަފާކުރި ވަރަށްވުރެ ވެސް ރާއްޖޭގެ ހާލަތު ގޯސް ވުމުން ކަމަށް އެ އޭޖެންސީ އިން ވަނީ ބުނެފައެވެ.
އެ އެޖެންސީން ބުނީ، ރާއްޖޭގެ ރޭޓިން "ސީއޭއޭ-1" އަށް ދަށްކުރީ ރާއްޖޭގެ ދަރަނި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެތީ ދަރަނި ދެއްކުން ލަސްވާނެ ކަމަށް ލަފާކޮށްފައި ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅު ނަމަވެސް ދަރަނި ކުޑަވާން ވަގުތު ނަގާނެ ކަމަށް ވެސް އެ އެޖެންސީން ލަފާ ކުރެއެވެ.
މި ރޭޓިންއާއި ގުޅިގެން ރާއްޖޭގެ ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ވޭތުވެދިޔަ ހާލަތްތަކުގައި ދަރަނީގެ ހާލަތު ރަނގަޅުވެފައިވާ ކަމަށާ، މޫޑީސްގެ ރޭޓިން ނެރުނުއިރު ވޭތުވެދިޔަ ދުވަސްތަކުގައި ދަރަނީގެ ހާލަތަށް އައިސްފައިވާ ބަދަލު ބަލާފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ސަރުކާރުގެ ދަރަނި އަދާނުކުރެވޭނެ ވަރުގެ ހާލަތެއް އަދި ދިމާ ނުވާ ކަމަށެވެ. އެގޮތުން ފިނޭންސުން ވިދާޅުވީ، ކޮވިޑް-19ގެ އެންމެ ގޯސް ހާލަތުގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި %100 މައްޗަށް އުފުލުނަސް އެ އަދަދު މިހާރު ތިރިކުރެވިއްޖެ ކަމަށެވެ.
ރާއްޖޭގެ ރޭޓިން މޫޑީސް އިން ސީއޭއޭ1 އަށް ދަށްކޮށްފައިވާއިރު ރޭޓިންގެ އައުޓްލުކް މިހާރު ވަނީ ނެގެޓިވް އިން "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. އަދި މިނިސްޓްރީން ވިދާޅުވީ، މިއީ ދަރަނި އަދާކުރަން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެ އެޖެންސީން ވެސް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.




