އަފްގާނިސްތާން ރައްޔިތުން މިވަގުތު ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތާއި މެދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ފަންނާނުންވެސް ހިމެނެއެވެ.
އޭގެ ތެރެއިން އެކަކީ އަފްގާނިސްތާނުގެ ރައްޔިތުންގެ އިހްސާސްތައް ގެނެސްދިނުމަށް އިސްޓަގްރަމް އަށް އަލަށް ވަން އެކްޓްރެސް އެންޖެލީނާ ޖޯލީއެވެ. އާއްމުކޮށް މީސްމީޑިއާ ވަރަށް ދުރުން އުޅޭ މި އެކްޓްރެސް އިންސްޓަގްރަމް އަށް މީގެ ދެ ދުވަސްކުރިން ވަނީ އަފްގާންގެ އަންހެން ކުއްޖަކު އޭނާއަށް ފޮނުވި ސިޓީއެއް ހިއްސާކުރުމަށެވެ.
އިންސްޓަގްރަމްގައި ފުރަތަމަ ހިއްސާ ކުރި ޕޯސްޓުގައި އެ ސިޓީ ޕޯސްޓްކޮށް އެންޖެލީނާ ބުނީ، އެ ސިޓީއަކީ އަފްގާންގެ ޅަފުރައިގެ އަންހެން ކުއްޖަކު އޭނާއަށް ފޮނުވި ސިޓީއެއް ކަމަށެވެ.
އެންޖެލިނާ ބުނީ، މިނިވަންކަމާއެކު މީސްމީޑިއާގައި މުހާތަބުކޮށް އެމީހުންގެ އިހްސާސްތައް ހިއްސާކުރުމަށް މިވަގުތު އަފްގާންގެ ރައްޔިތުން ނުކުޅެދިފައިވާކަމަށެވެ. އެހެންކަމުން އޭނާ އިންސްޓްގަރަމްއަށް މިވަނީ އެމީހުންގެ ވާހަކަތަކާއި، ދުނިޔޭގެ އެހެން ހިސާބުތަކުގައި ހުރި އަމިއްލަ ހައްޤުތައް ހޯދުމަށް މަސައްކަތް ކުރާ މީހުންގެ އަޑުތައް ހިއްސާކުރުމުގެ މަޤުސަދުގައި ކަމަށް އެންޖެލީނާ ބުންޏެވެ.
އަފްގާންގެ ޅަފުރައިގެ އަންހެން ކުއްޖަކު އެންޖެލީނާ ފޮނުވި މި ސިޓީގައި އެ ކުއްޖާ ހިއްސާކޮށްފައިވަނީ އަފްގާންގެ މިވަގުތުގެ ހާލަތުގެ ސަބަބުން އެތާގައި ދިރިއުޅެން ބިރުގަންނަ ވާހަކައެވެ.
ތާލިބާން ޖަމާއަތުން އަފްގާންގެ ގިނަ ސިޓީތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު، އެ ގައުމުގެ ރައީސް އަޝްރަފް ގާނީ ވަނީ ގައުމު ދޫކޮށް ފިލާ، ޔޫއޭއީގެ ހިމާޔަތް ހޯދައިފައެވެ. އެއާއެކު އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް އަންނަނީ ބިރުން ގޮސް، ގައުމު ދޫކޮށް ދެވޭނެ މަގެއް ހޯދަމުންނެވެ.
މީގެ ދެ ދުވަސްކުރިން އެންޖެލީނާ އިންސްޓަގްރަމް އަށް ވަނުމާއެކު ގިނަ ބަޔަކު ވަނީ އޭޏާ ފޮލޯ ކޮށްފައެވެ. އެގޮތުން ހަ މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް އޭނާ ފޮލޯކުރެއެވެ.



