ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ސްކޫލު ދަރިވަރުންނަށް ދިނުމަށް އެޑިއުކޭޝަން އިން ފަށައިފައިވާ ހާއްސަ ޕްރޮގްރާމްގެ ދަށުން 50 އިންސައްތަ އަަށްވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ، ވެކްސިން ޖެހޭ ދަރިވަރުންގެ އާބާދީގެ 50 އިންސައްތަ އަށް ވުރެ ގިނަ ދަރިވަރުން ވެކްސިން ޖަހައިފިކަމަށެވެ.
ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއި ގުޅޭ އަދަދުތައް ހިއްސާ ކުރަމުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 20,239 ކުދީންނަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދެވިއްޖެކަމަށެވެ. އަދި މިއީ މި ކެޓަގަރީގެ %50 އާބާދީއަށްވުރެ އިތުރު އަދަދެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ، މިއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކަމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ކޮވިޑް-19 އިން ދަރިވަރުން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެޑިއުކޭޝަނުން ނިންމައިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ސްކޫލްތަކަށް ނުވަދޭނެ ގޮތަށެވެ. އެގޮތުން މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ބައެއް ޓީޗަރުން ވަނީ އެކަހެރިވެސް ކޮށްފައެވެ.
އޭގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑެއް ދިނުމަށްވެސް އެޑިއުކޭޝަން އިން ވަނީ ނިންމައިފައެވެ.
މިދިޔަ ދޮޅު އަހަރެއްހާ ތެރޭ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސްކޫލްތަކުގައި ކިޔަވަމުން އައި ދަރިވަރުންނަށެވެ. ނަމަވެސް މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު، ދަރިވަރުން ސްކޫލްތަކަށް ހާޒިރު ޓީޗަރުންނާއެކު ކިޔަވައިދޭން ވަނީ ފަށައިފައެވެ.