އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ޖެހުން މެދުކަނޑާލުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ވުޒާރާ، ޑަބްލިއު.އެޗް.އޯ އިން ގޮވާލައިފިއެވެ.
ޑަބްލިއު.އެޗް.އޯ ޗީފް ޑރ. ޓެޑްރޮސް އެދާނަމް ގިބްރިއުސަސް ބުނީ، ބޫސްޓާ ޝޯޓް ޖެހުން މަޑުޖައްސާލައިފިނަމަ، އޭގެ ސަބަބުން ކޮންމެ ގައުމެއްގެ އާބާދީގެ 10 އިންސައްތައަށް ވެކްސިން ދެވޭނެކަމަށެވެ.
ކޮވިޑް-19 އިން އިތުރަށް ދިފާއުވުމަށް އިޒްރާއިލާއި ޖަރުމަނު ހިމެނޭހެން ބައެއް ގައުމުތަކުން ވެކްސިންގެ 3 ވަނަ ޑޯޒެއް ޖެހުމަށް ރާވައިފައިވާ ކަމަށް އެ ގައުމުތަކުން ވަނީ އިއުލާންކޮށްފައެވެ.
ނަމަވެސް ޑރ. ޓެޑްރޮސް ބުނީ، ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގައި ދަތިވެ، ވެކްސިން ފުރިހަމަކުރުމުގައި އެހެން ގައުމުތަކާއި އަޅާބަލާއިރު ފަގިރު ގައުމުތަކުން އުޅެނީ ފަހަތުގައި ކަމަށެވެ.
ޑަބްލިއު.އެޗް.އޯ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަ އާމްދަނީއެއް ލިބޭ ގައުމުތަކަށް ވެކްސިންގެ ސަޕްލައި ލިބުން ދަތިވުމުގެ ސަބަބުން، ވެކްސިން ދެވެނީ ކޮންމެ 100 މީހަކަށް 1.5 ޑޯޒުގެ ވެކްސިނެވެ. އެހެންކަމުން ވެކްސިންގެ ބޮޑު ބައެއް ކުޑަ އާމްދަނިއެއް ލިބޭ ގައުމުތަކަށް ފޯރުކޮށްދޭން ޖެހޭ ކަމުގައި ޗީފް ޑރ. ޓެޑްރޮސް ބުންޏެވެ.
ޑރ. ޓެޑްރޮސް ބުނީ، ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނާތީވެ ގައުމު ތަކުގެ ސަރުކާރުން ކަންބޮޑުވާނެ ކަން ގަބޫލުކުރެވޭ ކަމަށާއި، ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ގައުމުތަކަށް އިތުރަށް ވެކްސިންގެ ބޮޑު ސަޕްލައިއެއް ބޭނުންކުރުމަަށް ފުރުސަތު ދެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ކުޑަ އާމްދަނިއެއް ލިބޭ ގައުމުތަކާއި ބޮޑު އާމްދަނީއެއް ލިބޭ ގައުމު ތަކުގެ ދެމެދުގައި އޮންނަ ފަރަގު ކުޑަކުރުމަކީ ޑަބްލިއު.އެޗް.އޯ ގެ އަމާޒެކެވެ.
އިޒްރާއިލުން މިހާރު ވަނީ އެ ގައުމުގެ 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޝޯތް ދިނުމުގެ މަސައްކަތް ފަށައިފައެވެ. އަދި ޖަރުމަނުންވެސް އަންނަ އަންގާރަ ދުވަހުން ފެށިގެން އެގަުމުގައި ޖަހާ ފައިޒާ އާއި މޮޑާނާ ވެކްސިންގެ ތިންވަނަ ޑޯޒު ފޯރުކޮށްދޭނެކަމަށް ވަނީ އިއުލާންކޮށްފައެވެ.



