ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އަރުވައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު ރައީސް އަރުވާފައި ވަނީ އެގައުމުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރު ކެންޓަރޯ ސޮނޮއުރާ، މިއަދު ރައީސް ޞާލިޙުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްޓަރ ކެންޓަރޯ ސޮނޮއުރާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުއަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމްގައި މިސްޓަރ ކެންޓަރޯ ސޮނޮއުރާ ބައިވެރިވެ ވަޑައިގެން ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެމެދުގައި ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން ދާދިފަހުން ޖަޕާނު ސަރުކާރުން ފައްސަތޭކަ މިލިޔަން ޖަޕަނީޒް ޔެންގެ އަގުހުރި ކަނޑުއުޅަނދުފަހަރު ހަދިޔާ ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.




