ސަރުކާރުގެ ހިއްސާ ވާ 9 ކުންފުންޏެއް އުވާލަން ސަރުކާރުން ނިންމައި އެ ކުންފުނިތަކުގެ ލިސްޓް ފިނޭންސް މިނިސްޓްރީން އާންމުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިކުއިޑޭޝަން ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި މަސް ބަންދުކުރާ ކާރުހާނާ ހުންނަ ފެލިވަރު ފިޝެރީސް އާއި ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑު ހިމެނެއެވެ.
ސަރުކާރުން އުވާލުމަށް ނިންމާފައިވާ ކުންފުނިތަކަކީ:
1. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް (އެމްބީސީ)
2. ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް
3. ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް
4. މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
5. ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް
6. ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
7. މޯލްޑިވްސް ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)
8. ހަޒާނާ މޯލްޑިވްސް ލިމިޓެޑް
9. ނޭޝަނަލް އިންވެސްޓްމަންޓް ކޮމްޕެނީ ލިމިޓެޑް
އުވާލަން ނިންމައިފައިވާ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ ހިމެނޭ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި ފެލިވަރާއި ކޫއްޑޫ ފިޝަރީޒަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ކުންފުނިތަކެކެވެ. އަދި މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެވެ. އޭގެ އިތުރުން ހަޒާނާ މޯލްޑިވްސް އާއި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ ވެސް އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އޮތް އިރު މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ ސަރުކާރުން ފައިސާ ހަރަދުކޮށްގެން ހިންގާ ކުންފުނިތަކެވެ.
ދާދިފަހުން އައިއެފްއެފުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސަރުކާރު ފަސް ކުންފުންޏެއްގައި ހުރި ދަރަނި އެކަނި 67 ބިލިއަން ރުފިޔާއަށް އަރައެވެ.



