ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން/ ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ލީކުވި އޯޑިއޯގެ މައްސަލަ ޖޭއެސްސީއިން ބަލަނީ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"، މަޖުބޫރުން އަދި ނުހައްގުންކަމަށް ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު  ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަާއި ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީިނަށް ހުކުމް ކުރީ ރަހީނުކޮށްގެން ކަމަށް، އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކުވެފައެވެ.

މި މައްސަލައާއި ގުޅިގެން ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިނުލުންނުވެ އަދި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއް ކަމަށެވެ.

ހެންކަމުން އަމިއްލަ ފަރުދަކަށްވީ ނަމަވެސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކަށް ވީނަމަވެސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ކޯޓުގެ އިތުބާރު ނެގެހެއްޓުމާއި، ކޯޓުގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކޮމިޝަނުން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ

އެ ރެކޯޑިންގައި ގާޒީ ފާއިޒު ވިދާޅުވީ، ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށާއި، އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށްވެސް އެ ރެކޯޑިންގައި ގާޒީ ފާއިޒު ވިދާޅުވިއެވެ. އަދި ނުހައްގުން ހުކުމެއް ކޮށް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ޔާމީނަށް އޮތް ތާއީދު އިތުރުވާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

އޯޑިއޯގައި ގާޒީ ހުސެއިން ފާއިޒް ވިދާޅުވީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ އެންމެ ސަބަބެއް އޮވެގެން ނޫން ކަމަށާއި ބައިވަރު ސަބަބުތައް އެކަމުގައި އެބަހުރި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ދެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިޒު ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމް ކުރީ ރަނގަޅަކަށް ކަމަށާއި އަދި އޭނާ އެ ދައްކަވަނީ ރަނގަޅު ވާހަކަތަކެއްކަން 2023 ވަނަ އަހަރު އެނގޭނެ ކަމަށެވެ.

ފަސް ގާޒީންގެ ބެންޗަކުން މައްސަލަ ބައްލަވާއިރު އެންމެ ގާޒީއަކު ވަކި ގޮތަކަށް ރައުޔު ނެރުމުން ނަތީޖާއަށް ބަދަލެއް ނާންނަ ކަމަށް ވެސް ގާޒީ ހުސެއިން ފާއިޒް ވިދާޅުވިއެވެ.

ފަހުން އެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.

މީގ އިތުރުން،  އިތުރު ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެގެން އުޅޭކަމުގެ އަޑުތައްވެސް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ