ފަނޑިޔާރު އަޒްމިރަލްދާ މަހާޒު އަދި ޙުސްނުއްސުޢޫދު

ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވުމަށް ނިންމައިފައިވާ ކަަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ބުނެފައިވަނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، 04 ޑިސެންބަރު 2024 ގައި، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، އެ ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވެފައިވާ ކަމަށެވެ.

އަދި އެކަން ސާބިތުވެފައިވާތީ ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަޙާޒުގެ މި ޢަމަލަކީ، ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއްކަމަށްވާތީ، އެދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް 2025 މޭ 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 18 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއީ ފަނޑިޔާރު އަޒްމިރާލްދާ، ފަނޑިޔާރު އަލްއުސްތާޛު މަޙާޒުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ