ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން، ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ނިންމަވައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުއްވި ނިންމެވުމުގައި ވިދާޅުވެފައިވަނީ، އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އައު އުއްތަމަފަނޑިޔާރެއް އައްޔަންކުރެވެންދެން ސުޕްރީމްކޯޓުގެ ހިންގުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ވަނީ ނިންމަވާފައެވެ.
މި ނިންމެވުން ނިންމަވާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 26 ވަނަ ޖަލްސާގައެވެ. އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަޤާމުގައި އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 9 އަހަރާއި 7 މަހާއި 12 ދުވަހުގެ މުއްދަތަށް ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
އުއްތަމަފަނޑިޔާރުގެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރެވެންދެން ސުޕްރީމްކޯޓުގެ ހިންގުން ޙަވާލުކުރެވޭ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ ގިނަ ދުވަސްތަކެއް ވަންދެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ، ތަޖުރިބާކާރު ފަނޑިޔާރެކެވެ.



